ސާފު ބޯފެން ހުސްވެެގެން 22 ރަށަކުން ފެނަށް ޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

ސާފު ބޯފެން ރަށްރަށަށް ފޯރުކޮށްދިނުމުގެ ކަންކަމުގައި އިސްކޮށްއުޅުއްވާ އެ ސެންޓަރުގެ އޮފިސަރު އަބްދުﷲ ހާފިޒު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް 100 ރަށަކުން ބޯފެން ނުލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން މިވަގުތު ފެން ފޯރުކޮށްދިނުން އެންމެ މުހިންމު ކަމަށް އެ ސެންޓަރުން ކަނޑައަޅާފައި ވަނީ 95 ރަށަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސެންޓަރުން ވަނީ ފެން ހޯދަން ރިކުއެސްޓް ކުރި 69 ރަށަކަށް ފެން ފޯރުކޮށްދީފަ އެވެ.

ފެނަށް ރިކުއެސްޓްކުރި ރަށްތަކުގެ ތެރެއިން ފުވައްމުލަކާއި ހދ. ކުރިނބީގެ އިތުރުން އިތުރު ރަށަކުން ފެން ހޯދުމަށް ކޮށްފައިވާ ރިކުއެސްޓް ވިއްސާރަ ދުވަސްކޮޅާ ދިމާކޮށް ކެންސަލްކުރި ކަމަށެވެ. ނަމަވެސް ކުރިނބީން އަލުން ފެން ބޭނުން ވެގެން ރިކުއެސްޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެނަށް ޖެހިގެން ކުރާ ރިކުއެސްޓްތައް މި ދަނީ އިތުރުވަމުން. ބައެއް ރަށްރަށަށް ދެ ބުރަށް ފެން ފޯރުކޮށްދޭން ޖެހޭއިރު ކެންސަލްކުރާ ބައެއް ރަށްރަށުން ވެސް ފެން ހުސްވެގެން އަލުން އެބަ ރިކުއެސްޓްކުރޭ. މިބަލަނީ މާދަމާ ވެސް ފުވައްމުލަކުން ވެސް އަލުން ރިކުއެސްޓްކޮށްފާނެ ކަމަށް،" ހާފިޒު ވިދާޅުވި އެވެ.

ހާފިޒު ވިދާޅުވީ ރަށްރަށަކަށް ފެން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވަނީ އެ އޮންނަ އުސޫލުގެ ދަށުން ބިޑްކޮށްގެން އެ ކަންތައް ކުރަމުން ގެންދާތީ ކަމަށެވެ. އަދި މިހާރު ފެން ފޯރުކޮށްދޭން ޖެހޭ 22 ރަށުގެ ތެރޭގައި ހިމެނެނީ ކުރިން ވެސް ރިކުއެސްޓްކޮށްފައިވާ 15 ރަށެއްގެ އިތުރުން ހަތް ރަށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސެންޓަރުން އެންމެ ފަހުން ފެން ފޯރުކޮށްދީފައި ވަނީ މ. ވޭވަށާއި ބ .ކެންދުއާއި ބ. ކުޑަރިކިލާއި ބ. ފުޅަދުއާއި އދ. ކުނބުރުދުއާއި ރ. ރަސްގެތީމާއި ރ. އުނގޫފާރާއި ރ. މާކުރަތު އަދި މ. ނާލާފުށްޓަށެވެ.