22 Apr 2014, 15:59
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކަރީމް ބެންޒީމާ ދޫކޮށްލައި، އޭނާގެ ކޮންޓުރެކްޓު އާ ނުކުރުމުގެ ވިސްނުމެއް ރެއާލް މެޑްރިޑުން ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފި އެވެ.
ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ، ބެންޒީމާގެ ކޮންޓުރެކްޓު އާ ނުކުރުމުގެ ވިސްނުމެއް ރެއާލްއިން ގެންގުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާރު އެންމެ ވިދަމުން އަންނަ އުމުރުން 27 އަހަރުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ހޯދުމަށް ރެއާލްއިން ފާރަލަމުން ގެންދާ ތީވެ ކަމަށެވެ. އަދި ސުއަރޭޒް ރެއާލްއަށް ގެންނަން ޖެހޭނީ ބޮޑު އަގެއްގައި ކަމަށްވާއިރު، އެކަން ކުރެވެން އޮތީ ބެންޒީމާ ވިއްކާލައި ގެން ކަމަށް ވެސް ސްޕެއިންގެ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
މީގެއިތުރުން ސްޕައިންގެ މީޑިއާތަކުން ބުނެފައި ވަނީ، ބެންޒީމާގެ ކޮންޓްރެކްޓް ހަމަވާން ބާކީ އަދި އެއް އަހަރު އޮތްއިރު ރެއާލްއިން އޭނާ ވިއްކާލުން އެންމެ ގާތީ ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމް ގައި 70 ޕޮއިންޓާއެކު މިވަގުތު އޮތް އާސެނަލް އަށެވެ.
މީގެ ކުރިން ވެސް އާސެނަލްއަށް ބަދަލުވާން ބެންޒީމާ ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށް މީޑިއާގައި ތަފާތު ގޮތްގޮތައް ވާހަކަތައް ފެތުރިފައިވެ އެވެ.
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދިފަހުން ސްޕެއިންގެ ނޫސްތަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ކުލަބުގެ ފޯވާޑް ލައިން ފަރުގަދަ ކުރުމަށް މުޅިން އާ ވިސްނުމެއް ގެނެގުޅޭ ކަމަށާއި އެގޮތުން މިހާރުއްސުރެ މަސައްކަތް ފަށާފައި ވަނީ ކުލަބަށް އަދި އެއް ފޯވާާޑް ހޯދުމަށް ކަމަށެވެ.