"ނައިޓް މާކެޓް" ކުރިއަށްގެންދަން ގޯ މީޑިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޑްއާއެކުވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނިކޮށް އެ އެއްބަސްވުން ކުރިއަށް ގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލްގެ މެންބަރު ޝަމާހް ޝަރީފް ވިދާޅުވީ އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމަށް ޝަރުއީ ކޯޓަކުން އަންގަންދެން އެ އެއްބަސްވުން ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޭސީސީއަކީ ވެސް ތަހުގީގީ މުއައްސަސާއެއް. އޭގެ ކުށްވެރިވާ ފަރާތަކާއިމެދު ފިޔަވަޅު އަޅާނީ ޕްރޮސެކިއުޓާ ޖެނަރަލް މެދުވެރިކޮށް، ކޯޓުތައް މެދުވެރިކޮށް. އެއްބަސްވުން ސީދާ ހުއްޓަން އަޅުގަނޑުމެނަށް އަންގަން ޖެހޭނީ އަޅުގަނޑުމެން ދެކޭ ގޮތުގައި ކޯޓުތަކުން،" އޭނާ ވިދާޅުވި އެވެ.

އޭސީސީ އިން މި މަހުގެ ނުވަ ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލެ ސިޓީ ކައުންސިލުން ނައިޓް މާކެޓް ހިންގުމަށް ގޯ މިޑިއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލު ކޮށްފައިވާކަން ކުރީގެ ކައުންސިލުން އޭސީސީ އަށް އަންގާފައިވާ ކަމަށާއި އެ އެންގުމާ ހިލާފަށް އަމަލުކުރާ ނަމަ އެއީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ނައިޓް މާކެޓް ހިންގުމަށް މިދިޔަ އަހަރު ގޯ މިޑިޔާއާ އެކު ވެފައިވާ އެ އެއްބަސްވުން ބާތިލް ކުރުމަށްފަހު އެކަން އޭސީސީއަށް ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ. އެއްބަސްވުން އުވާލިކަން އެންގުމަށް ގޯ މިޑިޔާ އަށް ފޮނުވި ސިޓީގެ ކޮޕީ ވެސް އޭސީސީ އަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭސީސީގެ އެ ވާހަކަތަކާއި ގުޅޭ ގޮތުން "ސަން"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމާހް މިއަދު ވިދާޅުވީ އެ އެއްބަސްވުން އުވާލުމަށް ނިންމާ އެކަން ގޯމިޑިޔާއަށް އެންގި ކަމަށާއި ނަމަވެސް އޭގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެންމެ ކައުންސިލަރެއް ކަމަށެވެ. އަދި އޭގެ ފަހުން ކުރީގެ މާލެ ސިޓީ ކައުންސިލުން އެ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ވެސް ނިންމި ކަމަށެވެ.

"މާލެ ސިޓީ ނައިޓް މާކެޓް 2013" ހިންގަން ގޯ މީޑިއާ އަށް ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށްބުނެ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އަހްމަދު ހަމީދު (ފްލައި) އާއި އަހްމަދު ޝަމާހް ރަޝީދުގެ އިތުރުން އެ ކައުންސިލްގެ ބައެއްގެ މުވައްޒަފުންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށް ދިނުމަށް އެދި އޭސީސީ އިން ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މައްސަލައެއް ފޮނުވައިފަ އެވެ.