22 Apr 2014, 15:21
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ހ. މީނާޒް މައުމޫން ހަމީދުގެ ނަންފުޅު މަޖިލީހުން ފާސްނުވުމުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުން ދިރާސާ ކުރެއްވުމަށްފަހު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ނަމެއް މަޖިލީހަށް ރައީސް ފޮނުއްވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ ޕީޖީއަކު އައްޔަން ކުރަން ދެން ފޮނުވާނީ އާ މަޖިލީހަށް ކަމަށެވެ. ނަމަވެސް މުއާޒު މިއަދު ވިދާޅުވީ ޕީޖީއަކު ނެތުމުން އެކަމާ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވީ އެންމެ އަވަހަކަށް ޕީޖީއަކު އައްޔަން ކުރަން ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ކަށެމެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރަތަމަ ފުރުސަތުގައި ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ މައުމޫން ހަމީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ މަރިޔަމް ޒުލްފާ އާއި މިހާރު ވެސް ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސެން ޝަމީމު އާއި ޕީޖީ އޮފީހުގައި މަސައްކަތް ކުރާ، ގާނޫނީ ވަކީލެއް ކަމުގައިވާ ދަފްތަރު އައިޝަތު ފަޒްނާ އަހުމަދު އަދި ޝަރީއާ އެންޑް ލޯ އިން ޑިގްރީއެއް ނަންގަވާފައިވާ ގާނޫނީ ވަކީލެއް ކަމުގައިވާ މއ. ބިންމާވިލާ، އިސްމާއިލް ވަހީދެވެ.
އެ ނަންފުޅުގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދުގެ ނަން މަޖިލީހުން ފާސްނުވީ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ. ޖުމްލަ މެމްބަރުންނަނީ 39 މެމްބަރުންގެ ވޯޓެވެ. މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 36 މެމްބަރުންގެ ވޯޓެވެ.