22 Apr 2014, 15:01
އޭޑީކޭ ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ދިއެފްއެމް ޕްލަސްގެ ފޮޓޯ ބާއަށް އެރުވި މައްސަލައިގައި ޖަވާބުދާރީ ވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ދިއެފްއެމް ޕްލަސް އަށް އަންގައިފި އެވެ.
ދިއެފްއެމް ޕްލަސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭޑީކޭ ކޮމްޕެނީގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ގެ ފޮޓޯ އެކޮޅުކޮޅުން އެރުވި މައްސަލައާ ގުޅިގެން އަންނަ މަހުގެ ހަތަރެއްގެ ކުރިން، އެކަން ސާފުކޮށްދީ އެކޮމިޝަނަށް ޖަވާބުދާރީ ވުމަށް ދިއެފްއެމް ޕްލަސް އަށް އަންގާފައިވާ ކަމަށެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ތާރީހުގައި ދިއެފްއެމް ޕްލަސް އަށް ފޮނުވި ސިޓީއާ ގުޅިގެން އޮފިޝަލު ވިދާޅުވީ ދިއެފެމްޕްލަސްގެ ސީއީއޯ މަސްއޫދު ހިލްމީ މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ އަދި އެ ސިޓީއަށް ޖަވާބުދާރީ ވެފައިނުވާ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މިފަހަރު ކާމިޔާބު ކުރެއްވި ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ޖެހި މައްސަލައާ ގުޅިގެން އޭނާ ވިދާޅުވީ ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ފޮޓޯބާއަށް އަރުވާފައި ވާނީ އެންމެ ދުވަހަކު ކަމަށެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުވެގެން މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ވަނީ ދިއެފްއެމްއާއި ދިޓީވީ އަށް އިންޒާރު ދީފަ އެވެ.
ދިއެފްއެމް ޕްލަސްގެ ފޮޓޯ ގޮޅީގައި ފޮޓޯ އެކޮޅު ކޮޅުން ޖަހާ މައްސަލައާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތްދީ އިންޒާރު ދިނުމުން ވެސް އެކަން އިސްލާހުކޮށްފައި ނުވާތީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އަޅާނެ ފިޔަވަޅެއް އެ ކޮމިޝަނުން ބުނެފަ އެއް ނުވެ އެވެ.