ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ހާދިސާ އަށް ހަ އަހަރު ފާއިތުވެގެން ދިޔައިރު ވެސް ހާލުގައި ޖެހުނު ބައެއް މީހުން އަދިވެސް ވަގުތީ ހިޔާތަކުގައި އުޅެމުން ދާތީ އެ މީހުންނަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސް ކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ސަރުކާރަށް ގޮވާލައިފި އެވެ.


އެޗްއާރުސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނަނީ އެ ކޮމިޝަނުން މި އަހަރުގެ ކުރީކޮޅު ބައެއް ވަގުތީ ހިޔާތަކަށް ކުރި ދަތުރުތަކުގައި، އޭގެ ތެރެއިން ގިނަ ތަންތަން ހަލާލުވެފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށާއި މީހުން ތޮއްޖެހުމާއި ރަނގަޅު ނަރުދަމާގެ ނިޒާމެއް އެފަދަ ވަގުތީ ހިޔާތަކުގައި ނެތުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.


"....ތައުލީމު ލިބުމުގެ ހައްގާއި، އާއިލާ ބިނާކުރުމުގެ ހައްގާއި ރައްކާތެރިކަމާއި ސަލާމަތްކަން ލިބުމުގެ ހައްގު ފަދަ އަސާސީ ހައްގުތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަން ވެސް ފާހަގަކުރެވެ އެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.


ސަން އޮންލައިން އާ ވާހަކަދައްކަވަމުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ މަސައްކަތުގެ ސްޕީޑް ހުރި ގޮތުން ސުނާމީގައި ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމޭނީ 2012ގެ  ނިޔަލަށް ކަމަށާއި ސުނާމީގައި ހަލާކުވި ގެތަކުގެ ތެރެއިން 50 ގޭގެ އަމަލީ މަސައްކަތް އަދި ވެސް ފަށައިގަނެވިފައި ނުވާކަމަށެވެ.


ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މަސައްކަތަކީ ގައުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކަން ފާހަގަ ކުރަމުން އެ ބަޔާނުގައި އެޗްއާރުސީއެމް އިން ވަނީ ޑިޒާސްޓާ މެނޭޖްމަންޓުން ކުރާ މަސައްކަތްތަކަކީ ގާނޫނުން ބާރުލިބިގެން ކުރެވޭ މަސައްކަތް ތަކަކަށް ހެދުމަށާއި ރައްޔިތުން އެ މަސައްކަތްތަކަށް ހޭލުންތެރި ކުރުވުމަށް ސަރުކާރައް ގޮވާލައިފަ އެވެ.


އެ ބަޔާނުގައި އެޗްއާރްސީއެމް އިން ވަނީ ސުނާމީގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުން ވަގުތީ ހިޔާތަކުގައި ހޭދަކުރަމުން އަންނަ ކޮންމެ ދުވަހަކީ ވެސް ދިވެހި އެތައް ރައްޔިތުންނަކަށް ލިބެން ޖެހޭ އިންސާނީ ހައްގުތައް ފޯރުކޮށްދިނުމުގައި ލަސްވާކަމެއް ކަމަށާއި އެމީހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރު ކޮށްދިނުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް ގޮވައިލައިފަ އެވެ.


"މިހާލަތު ރަނގަޅު ކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރާ ހިނދު، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދާއިމީ ހައްލެއް ހޯދާ ދިނުމުގެ މަސައްކަތް އަވަސްކުރުމަށް މި ކޮމިޝަނުން ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.