ރައްޔިތުން މަޖިލީހުގެ އިދާރާގެ އައިޓީ ޝެކްޝަންގައި މަސައްކަތް ކުރަމުން އަންނަ ތިން މުވައްޒަފަކު އެންޓި ކޮރަޕްޝަންސުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ އައިޓީ ސަމާނު ގަތުމަށް ޓަކައި މަޖިލިސްގެ އިދާރާ އިން ކޮށްފައިވާ އިއުލާނަކާ ގުޅިގެން މަޖިލީހުގެ އައިޓީ ސެކްޝަންސްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏަކުން ވަނީ ޕްރޮޕޯޝަލް ހުށަހަޅައިފަ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން މަޖިލިސް އިދާރާގައި މަސައްކަތް ކުރަމުން އަންނަ ތިން މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް މިދިޔަ ހަފްތާގައި މަޖިލިސް އިދާރާ އަށް އަންގަފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ތިން މުވައްޒަފުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މިހާތަނަށް ފިޔަވަޅު އަޅަން އަންގާފައި ވާނީ އައިޓީ ސެކްޝަންގައި މަަސައްކަތް ކުރާ ތިން މުވައްޒަފަކާ މެދު އެކަނި. އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ތަހުގީގު ކުރިއަށްދާތީ ދެވޭކަށް ނެތް،" ލުތުފީ ވިދާޅުވި އެވެ.

މަޖިލިސް އިދާރާގެ ތިން މުވައްޒަފުން ސަސްޕެންޑްކޮށްފައި ވަނީ ކިހާ މުއްދަތަކަށް މިހާތަނަށް އެނގިފައެއް ނުވެ އެވެ. މިކަމާ ގުޅިގެން މަޖިލިސް އިދާރާގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެ އެވެ.