އިނގިރޭސި ޕްރިމިއާ ލީގުގެ ހަތް ވަނަ މަގާމް ގައި 57 ޕޮއިންޓާ އެކު މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑުގެ ހެޑް ކޯޗް ކަމާ މީގެ 10 މަސް ދުވަސް ކުރިން ހަވާލުވި ސްކޮޓްލެންޑުގެ ޑޭވިޑް މޮއިސް މަގާމުން ވަކިކޮށްފި އެވެ.

ޔުނައިޓެޑާ ހަވާލާދީ އިނގިރޭސި މީޑިއާތަކުގައި ބުނެފައި ވަނީ، ކޯޗް ކަމުން މޮއިސް ވަކިކުރީ ފާއިތުވި ދުވަސްތަކުގައި ޔުނައިޓެޑް ކުޅުނު މެޗްތަކުން އެންމެ އެދެވޭ ނަތިޖާއެއް އެޓީމަށް ނުނެރެވިގެން ކަމަށެވެ.

ޔުނައިޓެޑަކީ އެންމެ ފަހުގެ ލީގް ޗެމްޕިއަންކަމަށް ވީހިދު، މިފަހަރުގެ ލީގުގެ ގަދަ ފަސް ޓީމުގެ ތެރޭގައި ޔުނެއިޓެޑް ހިމެނިފައި ނުވުމަކީ ކޯޗް މޮއިސް މަގާމުން އިސްތިއުފާ ދޭން ޖެހޭ ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބައެއް މިޑިއާ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

"ކޯޗް ކަމުން މޮއިސް ވަނީ ވަކިކޮށްފައި. ފާއިތުވި ދުވަސްތަކުގައި މޮއިސް ޓީމަށް ކޮށްދެވި މަސައްކަތައް ޝުކުރު އަދާކުރަން. މޮއިސް ފާއިތުވި ދުވަސްތަކުގައި ކުލަބުގައި ހޭދަކޮށްފައި ވަނީ ވަރަށް ތެދުވެރިކަމާ އެކު،" ޔުނައިޓެޑާ ހަވާލާދީ ޑެއިލީ މޭލް ނޫހުގައި ބުނެފައިވެ އެވެ.

ޔުނައިޓެޑުގެ ކޯޗް ކަމާ ހަވާލުވުމުގެ ކުރިން ޑޭވިޑް މޮއިސް ކޯޗްކަން ކޮށްދީފައި ޕްރިމިއާ ލީގުގެ ފަސް ވަނަ މަގާމްގައި މިވަގުތު އޮތް އެވަޓަން އަށެވެ. އެގޮތުން އެވަޓަންއަށް ކޯޗް ކަން ކޮށްދިނުމުގައި މޮއިސް ވަނީ އިންގްލޭންޑުގައި 11 އަހަރު ހޭދަކޮށްފަ އެވެ.