22 Apr 2014, 13:45
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ އެ ދެ ބޭފުޅުންގެ އިތުރުން އެ މައްސަލައިގައި ދައުވާ ރައްދުވާ ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލު ކޯޓަށް ހާޒިރު ނުކުރެވޭތީއާއި ޖާބިރުގެ ގާނޫނީ ވަކިލު ކޯޓަށް ހާޒިރު ނުވާތީ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ފެށުމުގެ 30 މިނެޓު ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ވަނީ ޖާބިރު ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާއި އޭނާގެ ގާނޫނީ ވަކީލު ވެސް ކޯޓަށް ހާޒިރުވެވަޑައިގަތެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އެ ތިން ބޭފުޅުން ވެސް ހައްޔަރު ކޮށްފައި ވަނީ ހދ. ހޮނޑައިދޫގައި ބާއެއްގެ ގޮތަށް ހަދާފައިވާ ހާޓު ކައިރިން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
ޖާބިރާއި ހާމިދު ހައްޔަރުކޮށްފައި ވަނީ އެ ދެ ބޭފުޅުންގެ އަތުގައި ބަނގުރާ އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ތައްޓެއް ހުއްޓައި ފެނިގެން ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.