ސިފައިންގެ "އައްޑަނަ" ޓީވީ ޗެނަލް ޕަބްލިކަށް ހުޅުވާލާނެ ކަމަށާއި ޕަބްލިކަށް އެ ޓީވީ ޗެނަލް ހުޅުވާލުމުގެ ކުރިން ބްރޯޑްކާސްޓިންގް ގާނޫނުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކުރާނެ ކަމަށް އެމްއެެންޑީއެފުން ބުނެފި އެވެ.

ސިފައިންގެ 122 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސިފައިންގެ "އައްޑަނަ" ޓީވީ ޗެނަލް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަދި ކެޕްޓަން އިހުޝާން އަލީ މިއަދު "ސަން" އަށް ވިދާޅުވީ "އައްޑަނަ" ޓީވީ ޗެނަލްގެ ހިދުމަތް ފުރަތަމަ ދޭން ފަށަނީ ސިފައިންގެ މަރުކަޒުތަކަށް އެކަނި ކަމަށެވެ. އެގޮތުން އެ މަރުކަޒުތަކަށް ވެސް އެ ޓީވީ ޗެނަލްގެ ހިދުމަތްތައް ދެމުން ގެންދަނީ ކަނޑައެޅިފައިވާ ވަކި ގަނޑިތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިވަގުތު އައްޑަނަ ޗެނަލްގެ ހިދުމަތް ދޭން ނިންމާފައި މިވަނީ ސިފައިންގެ ތެރެއަށް އެކަނި. އެކަމުގެ ބޭނުމަކީ ސިފައިންގެ ގާނޫނުނާއި ގަވާއިދަށް ސިފައިން ހޭލުންތެރިކުރުވުން." އިހުޝާން ވިދާޅުވި އެވެ.

އިހުޝާން ވިދާޅުވީ އެމްއެންޑީއެފްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެ ޗެނަލްގެ ހިދުމަތް އާއްމުންނަށް ވެސް ލިބޭނެ ގޮތް ހެދުން ކަމަށާއި އެކަމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސިފައިންނާ ބެހޭ ޙަބަރުތަކާއި މައުލޫމާތުތައް ސިފައިންގެ ތެރެއިން އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމާއި ގައުމު ބިނާކުރުމުގައި ސިފައިންގެ ދައުރު ވެސް ފުޅާކުރުން ކަމަށެވެ. ނަމަވެސް އެ ޓީވީ ޗެނަލް ޕަބްލިކަށް ހުޅުވާލުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕަބްލިކަށް "އައްޑަނަ" ޓީވީ ޗެނަލްގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ވެސް އެއް އަމާޒު. އެކަމާ ބެހޭ ޑޮކިއުމަންޓޭޝަންތަކުގެ މަސައްކަތްތައް މިހާރު ކުރިއަށް މިގެންދަނީ، ބްރޯޑްކާސްޓިން ގާނޫނުގައި ބުނާ ގޮތުގެ މަތިން އެކަންތައްތައް ކުރިއަށް ގެންދާނީ." އިހުޝަން ވިދާޅުވި އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ސިފައިންނަށް ވެސް ކުންފުންޏެއްްގެ ދަށުން ޓީވީ ޗެނަަލެއް ހިންގިދާނެ އެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާ ކުންފުންޏަކަށް ނުވަތަ ޕްރައިވެޓް ލިމިޓެޑް ނުވަތަ ޕަބްލިކް ލިމިޓެޑް ކުންފުންޏަށް ނޫން ނަމަ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.

އެ ގާނޫނުގައިވާ ގޮތުގައި ނަމަ "އައްޑަނަ" ޓީވީ ޗެނަލް ޕަބްލިކަށް ހުޅުވާލާނަަމަ ކޮމާޝަލް ބްރޯޑްކާސްޓަރެއްގެ ގޮތުގައި ކުންފުންޏެއްގެ ދަށުގައި ރަޖިސްޓްރީ ކުރަންޖެހެ އެވެ.