ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލު ޕާކިސްތާންގެ ސަފީރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލު ޕާކިސްތާންގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމު އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުވާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ޕާކިސްތާންގެ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ފޮނުއްވާފައިވާ މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ގައުމީ ސަލާމަތު ކޮމެޓީން ނިންމާފައިވަނީ އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގަ އެވެ.

"އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރީއްޔާ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ފޮނުއްވާފައިވާ މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލުގެ ނަންފުޅު ކޮމެޓީން ދިރާސާ ކުރައްވައި ނިންމެވުމަށް ފަހު އެމަނިކުފާނަކީ އެމަގާމަށް އައްޔަން ކުރުމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ،" ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލު އެ މަގާމަށް އައްޔަން ކުރުމާމެދު މެންބަރުންގެ މެދުގައި ހިޔާލްތަފާތުވެފައިވެ އެވެ. އެގޮތުން މެންބަރުންގެ މެދުގައި ހިޔާލްތަފާތުވެފައި ވަނީ މޫސާ އަލީ ޖަލީލަކީ ސިފައިންގެއިން ރިޓިޔާ ކުރައްވާފައިވާ ބޭފުޅަކަށްވެފައި މިހާރު ވެސް ދައުލަތުން އެމަނިކުފާނަށް ބޮޑެތި އިނާޔަތްތަކެއް ދެމުންގެންދަވާ ބޭފުޅަކަށްވާތީ އެވެ. އެހެން ކަމުން ސަފީރު ކަަމށް އެމަނިކުފާން އައްޔަން ކުރުމަކީ އެމަނިކުފާނަށް އިތުރު މުސާރައާއި އިނާޔަތްތަކެއް ދައުލަތުން ދޭން ޖެހޭނެ ކަމަކަށްވާތީ އެވެ.

މޫސާ އަލީ ޖަލީލް ވަނީ ދާދި ފަހުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އަށް ސޮއިކުރައްވާފަ އެވެ.

މޫސާ އަލީ ޖަލީލް އަލީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ގައުމީ ބަތަލެކެވެ.