ސައުވީސް ގަޑިއިރު ކަރަންޓް ޔަގީންކުރުމަށް ފެނަކައިން ހިންގާ މަޝްރޫގެ ދަށުން އަތޮޅުތަކުގައި މަސައްކަތް ކުރާ ފެނަކައިގެ އިސްވެރިންނާ އެކު މަޝްވަރާ ކުރުމަށް ފެނަކައިގެ މެނޭޖްމަންޓުން ބައްދަލުވުމެއްް ފައްޓައިފި އެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދަން ނިންމާފައިވާ އެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖްމަންޓްގެ އިސްވެރިންގެ އިތުރުން އަތޮޅުތަކަށް ފެނަކައިން ކަނޑައަޅުއްވާފައިވާ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ސަން ވިދާޅުވީ އެ ބައްދަލުވުމުގައި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ކުރައްވަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނޭ ކަމަށެވެ. އެހެންކަމުން އެ ބައްދަލުވުމުގެ ސަބަބުން އެ ކުންފުނިން ހާސިލު ކުރަންބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ކަމުގައި އުންމީދު ކުރައްވާ ކަމަށް ނިމާލު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަހާސިންތާގައި މަޝްވަރާ ކުރާނެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް މެނޭޖްމަންޓް ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން. އެހެންވީމާ އަޅުގަނޑުމެން އުންމީދު ކުރަނީ މި މަހާސިންތާގެ ސަބަބުން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި (24 ގަޑިއިރު ކަރަންޓް ޔަގީންކުރުން) ހާސިލް ވާނެކަމަށް." ނިމާލް ވިދާޅުވި އެވެ.

އެ ބައްދަލުވުން ފެއްޓުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ ބައްދަލުވުމުގެ ސަބަބުން ފެނަކަ އާއި އަދި މުޅި ކުންފުނީގެ ހުރިހާ މުއައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނޭ ކަމަށެވެ. އަދި ފެނަކައިން މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތްކޮށް ދިނުމަށް ހުރިހާ މުއައްޒަފުންގެ ފަރާތުން ނާޒިމް އެދިވަޑައިގެންނެވި އެވެ.

ފެނަކަ ކުންފުނީގެ ފަރާތުން މިހާރު ވެސް ރާއްޖޭގެ 148 ރަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިރު އެ ކުންފުނިން ވަނީ ކަރަންޓް ލިބުމަށް ދަތިވެފައިވާ ރަށްތަކަށް އިތުރު ޖަނަރޭޓަރުތައް ގެނައުމަށް އޯޑަރު ދީފަ އެވެ. އަދި ކުރިޔަށް އޮތް 80 ވަރަކަށް ދުވަސްތެރޭ އެ ޖަނަރޭޓަރުތައް ލިބޭނެ ކަމަށް ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު ނިމާލް ވިދާޅުވި އެވެ.