22 Apr 2014, 12:37
ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ލާޒިމު ކަމެއް ނޫން ކަމަށް ކަނޑަ އެޅުމުން ކުރިން އެސުކީމުގައި ބައިވެރިވެފައިވާ ބިދޭސީންގެ ނަންތައް އެ ސުކީމުން ކަނޑައިދިނުމަށް އެދޭ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ލާޒިމު ކަމެއް ނޫން ކަމަށް ކަނޑައަޅައި ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެންބަރު މެމްބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އެވެ. އެ ބިލް މަޖިލީހުން ފާސްކުރުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 37 މެންބަރުންނެވެ. ނުފެންނަ ކަމަށް ހަތް މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވައި ހަތް މެންބަރުން ތިއްބެވި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލު ސުޖާއު ވިދާޅުވީ އެ ސުކީމުގައި ކުރިން ބައިވެރިވެފައިވާ ބިދޭސީން ގެ ނަންތައް އުނިކުރުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް އެގޮތަށް އެދިފައިވަނީ ކިހާ އަދަދެއްގެ ބިދޭސީން ކަމެއް ސުޖާއު ވިދާޅެއްނުވެ އެވެ.
"މިއަދު ވެސް އަޅުގަނޑުމެންނަށް ރިކުއެސްޓް އެބައާދޭ ބައެއް ބިދޭސީންގެ ނަންތައް ސުކީމުން ވަކިކޮށްދިނުމަށް އެދި" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕެންޝަން ސުކީމުގައި ބައިވެރިވުމަކީ އިހްތިޔާރީ ކަމަކަށް ހެދުމުން އެ ސުކީމުގައި ބިދޭސީން ބައިވެރިވުމުގެ މާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ސުޖާއު އިތުރަށް ވިދާޅުވީ އެ ސުކީމުގައި ކުރިން ބައިވެރިވެފައިވާ ބިދޭސީންގެ އަތުން މިމަހަށް ފައިސާ ނުނެގުމަށް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.
ބިދޭސީން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުން ހުޅުވާލި ފުރުސަތުގައި އޭޕްރިލް މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައި ވަނީ 3854 ބިދޭސީ އިންނެވެ.