ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓް ބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ގައުމީ ފުޓްބޯޅަ ޓީމަށް ނެގި 32 ކުޅުންތެރިންގެ ސްކޮޑުން ހަ ކުޅުންތެރިން ބާކީ ކޮށްފި އެވެ.

ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫފް "ސަން އަށް" މިއަދު ވިދާޅުވީ، ގައުމީ ސްކޮޑުން ބާކީ ކުރި ހަކުޅުންތެރިންނަކީ ނިއުގެ އަހުމަދު ނިޔާޒް (ނިޔާ) އާއި ނިއުގެ މުހުތާރު ނަސީރު (ޓޫކިލޯ) އާއި އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތިން ކުޅުންތެރިން ކަމަށްވާ އަލީ ސަމްދޫހު އާއި ފަރުހާދު އިސްމާއިލް (ފަރޭ) އަދި މޫސާ ޔާމީނެވެ.

މަހުލޫފް ވިދާޅުވީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން މިމަހުގެ 24 ވަނަ ދުވަހު ގައުމީ ޓީމް ޓްރެއިިނިން ކޭމްޕެއްގައި އެކުވެރި ކަމުގެ މެޗްތަކެއް ކުޅުމަށް ބެންކޮކަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި ބެންކޮކަށް ކުރާ ދަތުރުގައި އެ ގައުމުގައި ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ބެންކޮކަށް ކުރާ ދަތުރު ނިންމާލުމަށް ފަހު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ޓީމް މާލޭގައި ވެސް ރަހުމަތްތެރި ކަމުގެ މެޗެއް އަންނަ މަހުގެ އަށް ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާކަމަށް އޭނަ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ކޮންޓީމަކާ އެކު ކަމެއް މަހުލޫފް ވިދާޅެއް ނުވެ އެވެ.

ޗެލެންޖް ކަޕް ފެށެން 27 ދުވަހަށް ވެފައިވާ އިރު، ސްކޮޑަށް އެންމެ ފަހުން މިމަހުގެ ކުރީ ކުޅުނު ނެގި ދެ ކުޅުންތެރިންނަކީ ނިއު ރޭޑިއަންޓުގެ ތަޖުރިބާކަރު މިޑްފިލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އެ ޓީމުގެ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ގައުމީ ޓީމުން 1999 ވަނަ އަހަރުން ފެށިގެން ޖާގަ ހޯދަމުން އަންނަ އޮއްޕޮ، އޭއެފްސީ ޗެލެންޗް ކަޕަށް ތައްޔާރުވަމުންދާ ގައުމީ ޓީމަށް ނަގާފައިވާ އިރު، އޭނާ ގައުމީ ސްކޮޑްގައި ހިމެނުން މުހިއްމު ކަމަށް ނިއުގެ އިނގިރޭސި ކޯޗު ސައިމަން މެކްމެނެމީ، ގައުމީ ޓީމުގެ ކޯޗު ކައިރީގައި ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ބީޖީ ސްޕޯޓްސް އަށް ވެސް ކުޅުނު އޮއްޕޮ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ.

ގައުމީ ސްކޮޑަށް މިފަހަރު އަލަށް ނެގި ހަމްޕު އަކީ ނިއު ރޭޑިއަންޓުގެ ޔޫތް ޓީމުން މިއަހަރު ގަލޮޅު ދަނޑަށް ތައާރަފްވި ކުޅުންތެރިއެ ކެވެ. ހަމްޕު ފުރަތަމަ ބައިނަލްއަގްވާމީ މެޗެއް ކުޅުނީ އޭއެފްސީ ކަޕްގައި މިދިޔަ ފެބްރުއަރީ މަހު ހޯމް ޔުނައިޓެޑާއި ދެކޮޅަށެވެ.

މިފަހަރުގެ މުބާރާތައް ގައުމީ ޓީމުން ތައްޔާރުވާން ފުރަތަމަ ފަށާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.