ފިހާރަތަކާއި ސައިހޮޓާ، ރެސްޓޯރަންޓުތަކުގެ ތެރެއިން 24 ގަޑިއިރު ހިދުމަތް ދޭން ބޭނުންވާ ހުރިހާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ހުއްދަދޭ ގޮތަށް އެކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.


އިކޮނޮމިކް މިނިސްޓްރީން އާދިއްތަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނުގެ ތެރެއިން ކެއިންބުޔުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ލިބެންހުންނަ ތަންތަނާއި ސައިހޮޓޯ ރެސްޓޯރަންޓް ފަދަ ތަންތަނުން އާންމު ގޮތެއްގައި އެތަނަކުން ލިބެން ހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ލިބޭ ގޮތަށް އިންތިޒާމު ކުރެވިފައިވާ ކޮންމެ ތަނަކަށް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު އަންނަ މަހު އެކަކުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.


އެ އިއުލާނުގައިވާ ގޮތުން 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރެވޭނެ އެންމެ ކުރު މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށާއި އެ ހުއްދައިގެ އަހަރީ ފީއެއްގެ ގޮތުގައި 10،000ރ. އިކޮނޮމިކް މިނިސްޓްރީ އަށް ދައްކަން ޖެހޭނެ ކަމަށެވެ.


ހުއްދަ ދޫކޮށްފައިވާ ވިޔަފާރި ގެތަކުން 24 ގަޑިއިރު ހިދުމަތް ދޭއިރު އަމަލުކުރަން ޖެހޭ އުސޫލުތަކުގެ ގޮތުގައި އެ އިއުލާނުގައި ބަޔާންކޮށްފައި ވަނީ މެންދަމު 12:00 ން ފެށިގެން ހެނދުނު 6:00 އަށް އެފަދަ ވިޔަފާރި ގެތަކުން ބޭރަށް އަޑު އިވޭ ގޮތަށް ލަވަޖެހުމާއި އިސްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގުމަކީ މަނާކަމެއް ކަމަށެވެ. އަދި ހުކުރު ވަގުތުގަ އާއި ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި ވެސް އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެއް ކަމަށް އެ އިއުލާން ބުނެ އެވެ.


ނަމަވެސް ނަމާދު ވަގުތުތަކުގައި ސައި ހޮޓަލާއި ފިހާރަތައް ބަންދުކުރަން ޖެހޭނެ ކަމަކަށް އެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ.


އެ އިއުލާން ބުނަނީ 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައިވާ އެއްވެސް ފަރާތަކުން އެ ހިދުމަތް ދިނުން ހުއްޓާ ލެވޭނީ އެކަން އެކޮނޮމިކް މިނިސްޓްރީ އަށް ލިއުމަކުން އެންގުމަށް ފަހު ކަމަށާއި ހިދުމަތް ދިނުން ހުއްޓާލިއަސް ހުއްދައިގެ ފީގެ ގޮތުގައި އެ މިނިސްޓްރީން ނެގި އެއްވެސް ފައިސާއެއް ރިފަންޑު ނުކޮށްދޭނެ ކަމަށެވެ.


ވިޔަފާރި ގެތަކާއި ސައިހޮޓާ ރެސްޓޯރަންޓުތަކުގެ އިތުރުން 24 ގަޑިއިރު ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމާފައިވާ ތަންތަނުގެ ތެރޭގައި ފާމަސީތަކާއި ކައްކާ ގޭސް ވިއްކާ ތަންތަނާއި ޕެޓްރޯލާއި ޑީސަލް ވީއްކާ ތަންތަން ވެސް ހިމެނޭ ކަމަށް އެ އިއުލާން ބުނެ އެވެ.


ޖެނުއަރީ އެކަކުން ފެށިގެން އެ ހުއްދަ އަށް އެދުމުގެ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.


ފިހާރަތަކާއި ސައިހޮޓާތަކުގެ ތެރެއިން 24 ގަޑިއިރު ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ހުއްދަ ދޫކުރަމުން އަންނަނީ ހަމައެކަނި މާލޭގެ ވަކި ސަރަހައްދުތަކެއްގައި ހުންނަ ތަންތަނަށް އެކަންޏެވެ.