10:00


ޑީއާރުޕީން ރޭ ބޭއްވި އެއްވުމަށް ގުރޫޕަކުން ހުރަސްއަޅާ އެ ޕާޓީގެ މެންބަރުން ތަކަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.


އޮޑިޓަރ ޖެނަރަލްގެ މައްޗަށް އިތުބާރުނެއް ކަމުގެ ވޯޓް ނަގަންދެން ޑީއާރުޕީން ބާއްވާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން، ރޭ އެ ޕާޓީން ބޭއްވި އެއްވުމެއް ކުރިއަށް ދަނިކޮށް، އެއްވުމަށް ހުރަސްއެޅުމައްޓަކާ އެތާންގައި އެއްވެފައިވާ މީހުންނާ ދިމާލަށް ގުރޫޕަކުން ގޮސް ކުކުޅުބިސް އުކަން ފެށުމުން، އެ ވަގުތު އެއްވުމުގައި އެ ފާޓީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެއްވުމައް ހުރަސްއެޅުމަށްޓައި އެފަދަ އަމަލްތައް ނުކުރުމަށެވެ. ނަމަވެސް މެދުކެޑުމެއް ނެތި އުކަމުންދިޔަ ބިހުގެ ހަމަލާތަކަށް ފަހު އެ ގުރޫޕު އެ ފާޓީގެ ޖަގަހައިގެ ތެރެއަށް ވަދެގަނެ، ޕާޓީގެ މެންބަރުންނާ މާރާމާރީ ހިންގައި ގާ އުކި މަންޒަރު އޭރު އެތާނގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންނަށް ފެނިފައިވެ އެވެ.


މެދުކެނޑުމެއްނެތި ބައި ގަޑިއިރު ވަންދެން ކުރިއަށްދިޔަ އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންނަށް އެތަނަށް ދެވުނުއިރު، އެ ހަމަނުޖެހުން ތަކުގެ އަސްލަކަށްވި ގުރޫޕް ވަނީ އެ ތަނުން ފިލައިފަ އެވެ.


ރޭގެ އެއްވުން ފުލުހުން ރޫޅާލަން މަސައްކަތް ކުރަމުން ދިޔައިރު ވެސް ޑީއާރުޕީގެ އޮފީހުގެ ބެލްކަނީގައި އަޑުގަދަކުރާ ހަރުކޮށްގެން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބުން ލަވަ ޖައްސަވައި ސަރުކާރަށް ފާޑުވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން ގެންދެވި އެވެ. 


އެ ގޮތުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮޑިޓަރ ޖެނަރަލްގެ އިބްރާހިމް ނައީމްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގަންދެން ސިލްސިލާކޮށް އެއްވުންތައް ކުރިއަށް ގެންދާނެ ކަމަށާއި އަދި ބަޔަކު އެއްވުންތަކަށް ހުރަސްއެޅުމުން އެ ޕާޓީގެ މެންބަރުންނަށް ލިބެނީ ހިތްވަރެއް ކަމަށެވެ.


ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވީ ނުހައްގުން ރައްޔިތުންގެ މައްޗަށް ބާރުފޯރުވައި ރައްޔިތުންގެ މަޖިލީސް ހިސޯރުކުރަން މަސައްކަތްކުރާނަމަ ޑީއާރުޕީގެ ވަކިތަކުން ސަލާމަތްވެގެން ރައީސް ނަޝީދަކަށް މުލިއާގޭގައި ނޫޅުއްވެވޭނެ ކަމަށެވެ. އަދި ގާނޫނީ ސަރުކާރު ވައްޓާލަން ޑީއާރުޕީ މަސައްކަތްކުރަނީ އެ ސަރުކާރު ގާނޫނީ އިމުން ބޭރުން ރައްޔިތުންގެ ހައްގުތައް ނަގާލަން މަސައްކަތްކުރާތީ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.


ޑީއާރުޕީގެ އެއްވުމަށް ހުރަސްއަޅާ އެ ފާޓީގެ ޖަގަޖަޔަށް ހަމަލާދީފައިވަނީ އެމްޑީޕީން ރާވައިގެން ކަމަށް ބުނެ، އެމްޑީޕީގެ ހަރުގެއާ ދިމާލަށް ޑީރުޕީގެ އެކްޓިވިސްޓުން ތަކެއް ދިއުމުން ފުލުހުން ވަނީ އެ މީހުން އިމާދުއްދީން ސްކޫލާ ހަމައިން ހިފަހައްޓައިފަ އެވެ. އަދި އެމީހުންގެ ތެރެއިން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.


ރޭގެ ހަމަނުޖެހުމުގައި، ޑީއާރުޕީ ޖަގަހަ ހުރި ސަރަހައްދުން އެ ޕާޓީގެ ސަޕޯޓަރުން ފޮނުވާލަން ފުލުހުން ވަނީ ވަރަށް ގިނަ ފަހަރު ކަރުނަ ގޭސް ޖަހައިފަ އެވެ. ނަމަވެސް އެއްވި މީހުން އެތަނުން ދިޔައީ ރޭ އެކެއް ވެސް ޖެހިފަހުން، ލަވަޖެހުމާއި އެ ހަރަކާތްތައް ޑީއާރްޕީން ރަސްމީކޮށް ނިންމާލި ފަހުންނެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ މާލޭގައި ހިނގައިދިޔަ އެ ހަމަނުޖެހުން ތަކުގައި ފުލުހުން ހައްޔަރުކުރި 31 މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ މުޒާހަރާގައި ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މީހުން އެކަނި ކަމަށެވެ.