މާލޭ ސިޓީ ކައުންސިލަރުންގެ އިއްތިފާގުން ހޮއްވެވި މޭޔަރު މުހައްމަދު ޝިހާބާއި ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މަގާމުން ވަކި ކުރެއްވުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

އެ މައްސަލަ ހުށަހެޅުވީ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލް މެންބަރު، އިބްރާހިމް މަމްނޫން އެވެ.

ޝިފާއާއި ޝިހާބުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ތަވާލުކޮށްފައި ވަނީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވަށެވެ. ނަމަވެސް އެ މައްސަލަ އަނބުރާ ގެންދެވީ ކަމަށް މިއަދުގެ ކައުންސިލް ބައްދަލުވުމުގައި މަމްނޫން ވަނީ ވިދާޅުވެފަ އެވެ.

ސަން އަށް ވާހަކަ ދައްކަވަމުން މައުމޫން މިއަދު ވިދާޅުވީ މައްސަލަ އަނބުރާ ގެންދެވި ސަބަބާ ބެހޭ އެއްޗެއް އަދި ވިދާޅުވާން ބޭނުންވާ ނުވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ވެސް ޝިފާއާއި ޝިހާބުގެ އިތުބާރު ނެތް ކަމަށް ވޯޓުދޭނެ ކަމަށް ވިދާޅުވެގެންނެވެ. ފަހުން ވަނީ އެ މެންބަރުން ވޯޓު ދިނުމާ ދެކޮޅު ހައްދަވާފައި ކަމަށް ވެސް ސަން އަށް މައުލޫމާތު ލިބިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ 11 ކައުންސިލަރުންނަކީ ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސާޖިދު އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީން އާއި ހެންވޭރު ދެކުނު ކައުންސިލަރު އިބްރާހިމް ނިމާލާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު ފާތުމަތު ރިޒްވީން އާއި މައްޗަންގޮޅީ އުުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަމްނޫން އާއި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޝަމާއު ޝަރީފާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން އާއި ވިލިމާފަންނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝިހާބެވެ.