22 Apr 2014, 11:37
ށ. ފޯކައިދޫން ކަރަންޓް ކެނޑޭ މައްސަލަ އަށް ހައްލެއް ނުގެނެވެނީސް ސަރުކާރުގެ އެއްވެސް އިދާރާއަކަށް ކަރަންޓް ދޫނުކުރަން ނިންމައިފި އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު މިއަދު ވިދާޅުވީ ރައްޔިތުންނަށް އެކަށީގެންވާ ގޮތުގައި ކަރަންޓްގެ ހިދުމަތް ނުދެވޭނަމަ ސަރުކާރުގެ އެއްވެސް އިދާރާއަކަށް ކަރަންޓް ދޫނުކުރާ ގޮތަށް ނިންމީ އެރަށުން އިރުއިރުކޮޅާ ކަރަންޓް ދާތާ އަހަރަކަށްވުރެ ގިނަވެފައިވާ އިރު، އެކަމަށް އެއްވެސް ހައްލެއް މިހާތަނަށް ލިބިފައިނުވާތީ ކަމަށެވެ.
އިރުއިރުކޮޅާ ކަރަންޓް ކެނޑުމާއި ގުޅިގެން ރައްޔިތުންގެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވެ ތިންލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން މިހާތަނަށް ވެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
"ރައްޔިތުންގެ އެތަށް އެއްޗެއް ހަލާކުވެއްޖެ. ސްކޫލްގެ އޭސީއެއްގައި އަލިފާން ރޯވެއްޖެ. ކައުންސިލްއިދާރާގެ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް އެބަހަލާކުވޭ،" ފޯކައިދޫ ކައުންސިލްގެ ރައީސް ރާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން އެންމެ އިންޖީނެއް ބޭނުންކޮށްގެން ފޯކައިދޫއަށް ކަރަންޓް ދޭތާ އަހަރެއްވެފައިވާއިރު، ކަރަންޓްދާ ކޮންމެ ފަހަރަކު އިންޖީނުގެއިން ބިލު ކުރާ ގޮތަށް ކައުންސިލް އިދާރާއިން ތަކެތި ގެންގޮސްގެން މިހާތަނަށް އެއްލައްކަ ފަސްދޮޅަސް ފަސް ހާސް ރުފިޔާގެ ބިލެއް ކައުންސިލަށް ފެނަކައިން ދައްކަން ޖެހިފައިވާ ކަމަށެވެ.
އަދި ކަރަންޓް މައްސަލަ ހައްލު ނުކުރެވިވާއިރު، އެބިލުތަކަށް ވެސް ފެނަކައިން ފައިސާ ދައްކާފައިނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ފޯކައިދުއަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކައިގެ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި ހަސަން ފަޒީން ވިދާޅުވީ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ކަމާބެހޭ އިސްވެރިންނަށް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެކަން ހައްލުނުވެ ދިގުލައިގެން ދަނީ އެ ކޯޕަރޭޝަނަށް ފައިސާގެ ދަތިކަން ދިމާވެފައިވާތީ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކަރަންޓް މައްސަލަ ހައްލު ކުރުމަށް އިތުރު ޖަނަރޭޓަރުތަކަށް އޯޑަރު ދީފައިވާ ކަމަށާއި އެތަކެތި ލިބުނީމަ އެކަން ހައްލުވާނެ ކަމަށް ބުނެފައިވާ ކަމަށް ފަޒީން ވިދާޅުވި އެވެ.
ނަމަވެސް ޖަނަރޭޓަރުތައް ލިބޭނީ ކޮން އިރަކުން ކަމެއް ނޭންގޭ ކަމަށް ވެސް ފަޒީން ވިދާޅުވި އެވެ.