ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގެ ބައެއް ސެކްޝަންތަކުން ދޭ ހިދުމަތްތައް އަންނަ ބުރާސްފަތި ދުވަހު ނުދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެ ޑިޕާޓްމަންޓުގެ ފޮރިން އެމްޕްލޯއިމަންޓް ސެކްޝަން އާއި ވާކްވިސާ ސެކްޝަން އަދި ޕާމިޓްސް ސެކްޝަންގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުވުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް 24 އޭޕްރިލް ގައި ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައި ވާތީ، އެ ސެކްޝަނުންދޭ ހިދުމަތްތައް އެ ދުވަހު ނުދޭން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ކޮންމެހެން މުހިއްމު ވިސާ އެއް ޕްރޮސެސް ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ރަސްމީ ގަޑީގައި، ވާކްވިސާއަށް 7980406 އަށް، ޕާމިޓްސް ޔުނިޓަށް 7977252 އަދި އެމްޕްލޯއިމެންޓް އެޕްރޫވަލް/ކޯޓާއަށް 7970408 އަށް ގުޅުއްވުމުން އެފަދަ އެޕްލިކޭޝަންތައް ޕްރޮސެސްކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެވޭނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުގެ އިއުލާނުގައި ވެއެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ވާކް ވިސާ ސެކްޝަނާއި ޕާމިޓްސް ޔުނިޓްގެ މަސައްކަތްތައް ކުރިން ހިނގަމުންދިޔަ ޣާޒީ ބިލްޑިންގް އިން މިއަދު އެ ސެކްޝަންތަކުގެ ހިދުމަތްދެމުންދާ ހުރަވީ ބިލްޑިންގް އަށް ބަދަލުކުރުމަށް މިމަހުގެ 16 އަދި 17 ގައިވެސް އެ ސެކްޝަނުން ދޭ ހިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ވާކް ވިސާ ސެކްޝަނާއި ޕާމިޓްސް ޔުނިޓުން ދޭ ހިދުމަތްތައް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަނީ ހުރަވީ ބިލްޑިންގްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ފޮރިން އެމްޕްލޯއިމަންޓް ސާވިސް ޑިވިޝަނަށް ބަދަލުކޮށްފަ އެވެ.