22 Apr 2014, 11:26
"ބާ އެސޯސިއޭޝަން" ގެ ނަމުގައި ޖަމްއިއްޔާއެއް ހަދައި އެ ޖަމްއިއްޔާ އިން ރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގައި ހަރަކާތްތެރިވުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެގޮތަށް ނިންމުމަށްފަހު އެކަން ވަނީ ހޯމް މިނިސްޓްރީއަށް އަންގާފަ އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އިސްހާގު އަހްމަދު ވިދާޅުވީ ސުޕްރީމް ކޯޓުން އެ މިނިސްޓްރީއަށް ފޮނުވި ސިޓީއާ ގުޅިގެން، އެ ޖަމްއިއްޔާގެ ނަން ބަދަލުކޮށް 14 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް ބާ އެ ސޯސިއޭޝަނަށް މިއަދު އަންގާފައިވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެފަދަ ނިންމުމެއް ނިންމާފައި ވަނީ ކޮންކަމެއްގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު ކަމެއް އަދި ނޭގެ އެވެ. މި ނިންމުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.
ބާ އެސޯސިއޭޝަނަކީ ރާއްޖޭގެ ގާނޫނީ ވަކީލުންތަކެއް ގުޅިގެން އުފައްދާފައިވާ ޖަމްއިއްޔާ އެކެވެ. އެ ޖަމްއިއްޔާގެ ރައީސަކީ މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބް ހުސްނުއްސުއޫދު އެވެ.