22 Apr 2014, 10:49
އަންނަ މަހު ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ޒޯން ސްޓޭޑިއަމްގައި ލައިޓިން ހަރުކުރަން ސާވޭ ކުރާ ސްރީލަންކާގެ ޓީމް މިއަދު އައްޑު އަށް ހިނގައްޖެ އެވެ.
ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ސަން އަށް މިއަދު ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން އައްޑޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ނިއްމާލެވޭނެ ކަމުގެ ޔަގީންކަން މަސައްކަތް ހަވާލުކޮށްފައިވާ އަމީން ކޮންސްޓްރަކްޝަންއިން ދެއްވާ ކަމަށެވެ. އަދި އައްޑޫ ޒޯން ސްޓޭޑިއަމްގެ ލައިޓުތައް ހަރުކުރުމަށް ހަދަން ޖެހޭ ސާވޭ ހެދުމަށް މިއަދު ހެނދުނު މާލެ އާއި ސްރީލަންކާގެ ޓީމް ވެސް މިނިސްޓްރީގެ ވަފުދަކާ އެކު އައްޑު އަށް މިއަދު ގޮސްފައިވާ ކަމަށް މަލީހް ވިދާޅުވި އެވެ.
"އައްޑޫ ސްޓޭޑިއަމްގެ މަސައްކަތް ވެސް ދަނީ ވަރަށް ބާރަށް. މިމަސް ނިމުމުގެ ކުރިން ކޮންޓްރެކްޓަރާ ހަވާލުކުރި މަސައްކަތްތައް ނިއްމާލެވޭނެ. މުބާރާތް ފެށެން ވާއިރަށް ލައިޓިންގެ މަސައްކަތް ވެސް ނިއްމާލެވޭނެ. މުބާރާތް ފެށުމުގެ ކުރިން އައްޑޫގައި މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަ ކުރުމަށް ހަފްތާ ބަންދުގައި ސައިކަލް ބުރެއް ބޭއްވުމަށް ވެސް މިހާރު ވަނީ ހަމަޖެހިފައި." މަލީހް ވިދާޅުވި އެވެ.
އައްޑޫ ސިތީގެ ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް މިހާރު ހަދާ ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު މަލީހް ވިދާޅުވި އެވެ.
"ސްޓޭޑިއަމް ނިމުނުހާ އަވަހަކަށް އެ ސްޓޭޑިއަމްގެ ވީއައިޕީ އޭރިޔާގައި ޖަހަން ނިންމާފައި ވަނީ ކޮންވެންޝަން ސެންޓަރުގައި ބޭނުން ކުރި ގޮނޑިތައް. އަދި ދަނޑުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތާއި ފެންސު އާކުރުމުގެ މަސައްކަތް ވެސް މި މަސް ނިމުމުގެ ކުރިން ފަށާނެ،" މަލީހް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބު "ސަން އަށް" މިއަދު ވިދާޅުވީ، މުބާރާތުގެ ކަންކަން އިންތިޒާމް ކުރުމަށް ސްޓިއަރިން ކޮމެޓީއެއް ނަގާފައިވާ އިރު ކައުންސިލުގެ ވިސްނުން ހުރީ މުބާރާތަށް އަންނަ ފަރާތްތަކަށް ހޫނު މަރުހަބާއެއް ކިއުމާއި އައްޑޫ ރީތި ސާފުތަނަކަށް ހެދުމަށް ކަމަށެވެ. އަދި އައްޑޫ ސާފް ކުރުމަށް ކައުސިލުން މަސައްކަތް ފަށާފައިވާތާ އެއް މަސްވެފައިވާ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.
ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން އައްޑޫ ސިޓީގެ ކަމާ ބެހޭ ފަރާތްތަކާ އެކު ފުލުހުން ވެސް ވަނީ ދާދިފަހުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެ މަޝްވަރާތައް ކޮށްފައި ވަނީ މިމަހުގެ ކުރީ ކޮޅު ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޑު އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އަދި މި މުބާރާތުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބުމަށް ހަމަޖެހިފައިވާ ހެރެތެރެ ރިސޯޓްގެ އިސް ފަރާތްތަކާ އެކު ވެސް މިދަތުރުގައި ފުލުހުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.
މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.