22 Apr 2014, 10:41
ލ. މާވަށުގައި ބެރުޖަހަން ތިބި ބައެއްގެ ތެރެއަށް ވަޅި ހިފައިގެން ވަދެ ބެރުތަކެއް ފަޅާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މާވަށުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ރަށު ބަނދަރު ސަރަހައްދުގައި ހުންނަ ޕާކެއްގެ ތެރޭ ޒުވާނުންތަކެއް ރޭ ބެރު ޖަހަން ތިއްބައި ވަޅި ހިފައިގެން އެތަނަށް ވަތް މީހަކު ދެ ބެރު ފަޅާލާފައިވާ ކަމަށެވެ. އަދި އިތުރު ބެރުތަކެއް ފަޅާލަން މަސައްކަތް ކުރި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ބަނޑުގައި ބެރު އަޅުވައިގެން ބެރުޖަހަން ތިއްބައި ވަޅި ހިފައިގެން އެމީހާ ވަދެ ދެ ބެރު ފަޅާލީ. އަނެއް ދެ ބެރު ފަޅަން ވެސް އުޅުނު. އެކަމަކު އެ ކުދިން ބެރު ހިފައިގެން ފިލީމަ އަތެއް ނުވި،" މާވަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުން ބުނީ ބައެއްގެ މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އުމުރުން 47 އަހަރުގެ މީހަކު ރޭ 9:00 ހާއިރު މާވަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާވަށުން ވާހަކަ ދެއްކި މީހާ ބުނީ މީގެ ކުރިން ވެސް ބެރުޖަހާތީ އެމީހާ އުނދަގޫވެގެން ޝަކުވާ ކުރުމުން ބެރު ޖެހުން ބަނދަރަށް ބަދަލު ކުރީ ކަމަށެވެ. އަދި ބެރުތައް ފަޅާލާފައި ވަނީ އެތަނުގައި ބެރު ޖަހާތާ އަށް ވަނަ އަށް ވީ ރޭގައި ކަމަށް ވެސް އެމީހާ ބުންޏެވެ.