22 Apr 2014, 10:25
ދެ ހަފްތާ ވަންދެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮތުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ މާލޭ ޖަލަށް ބަދަލުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ އައީޖީއެމްއެޗުން ޖާބިރު ޑިސްޗާޖު ކުރުމުން އިއްޔެ ހަވީރުގެ ވަގުތެއްގައި މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް އޭނާ ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖާބިރުގެ ހާލު މިހާރު ރަނގަޅު ކަމަށާއި ހިތުގެ ޓެސްޓެއް ހަދަން ޖާބިރު އެދިވަޑައިގަތް ނަމަވެސް އައިޖީއެމްއެޗުން އެފަދަ ޓެސްޓެއް ހެދެން ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
ހިތުގެ ޓެސްޓެއް ހެދުމަށްޓަކައި ރާއްޖެ އިން ބޭރަށް ޖާބިރު ގެންދިޔުމަށް ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކަމާ ބެހޭ ލިޔުންތައް ހޯދައި ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑަށް ހުށަހެޅުމުގެ ކަންތައް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ގާނޫނު ބުނާގޮތުން ޖަލުގައި ހުކުމް ތަންފީޒު ކުރާ މީހަކު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ހުއްދަ ދިނުމުން. އެހެންވީމާ އެކަން މެޑިކަލް ބޯޑަށް ހުށަހެޅުމަށްޓަކައި އައިޖީއެމްއެޗުން ހޯދަން ޖެހޭ ލިޔުންތައް ހޯދުމުގެ މަސައްކަތް ކުރަމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ޖަލުގައި ޖާބިރު ތަންފީޒު ކުރަމުން އަންނަނީ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ މައްސަލައިގެ ހުކުމެވެ.
ކުޑަކަމުދާ އެއްޗިހި ނުދިން މައްސަލައިގައި ހުކުމް އިއްވި ނަމަވެސް ހދ. ހޮނޑައިދޫގައި ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ދައުވާގެ ޝަރީއަތް އަދި ނިމިފައެއް ނުވެ އެވެ.