22 Apr 2014, 10:05
އަހަރުގެ ފުރަތަމަ ކުއާޓާގައި މީރާ އަަށް ލިބުނު އާމުދަނީ މިދިޔަ އަހަރުގެ އެކުއާޓާއާ އަޅާބަލާ އިރު 10.5 ޕަސެންޓް އިތުރުވެއްޖެ އެވެ.
މީރާ އިން އިއްޔެ އާންމު ކުރި ފުރަތަމަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި މީރާ އަށް 2.78 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 2.51 މިލިއަން ރުފިޔާ އާއި އަޅާބަލާ އިރު 10.5 ޕަސެންޓް އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވެފައި ވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި ބީޕީޓީ އިތުރުވުމާ ގުޅިގެންނެވެ. އާމްދަނީގެ 44.5 ޕަސެންޓް ޖީއެސްޓީ އިން ހިއްސާކުރި އިރު 27.9 ޕަސެންޓް ހިއްސާކޮށްފައި ވަނީ ބީޕީޓީ އެވެ.
އާމްދަނީގެ 59 ޕަސެންޓް ރުފިޔާ އިން މީރާ އަށް ލިބިފައިވާ އިރު 41 ޕަސެންޓް ލިބިފައި ވަނީ ޑޮލަރުގެ ގޮތުގަ އެވެ.
ފުރަތަމަ ކުއާޓާގައި މީރާ އަށް ލިބުނު އާމްދަނީ އަށް ބަލާ އިރު އެއާޕޯޓް ސާވިސްޗާޖްގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބިފައިވާ އިރު ވިޔަފާރި ފައިދާ އިން ނެގޭ ޓެކުސްގެ ގޮތުގައި 776 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 885 މިލިއަން ރުފިޔާ ލިބިފައިވާ އިރު ޓޫރިޒަމް ދާއިރާގެ ބިމު ކުލީގެ ގޮތުގައި 259 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ޓެކުސްގެ ގޮތުގައި 148 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މައިގަނޑު ގޮތެއްގައި ހުރިހާ ދާއިރާއެއްގެ އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ އިތުރުވެފަ އެވެ.