މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހަރަދުކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރައްވަން ނިންމަވައިފި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އިންތިހާބުގައި ވާދަ ކުރި ކޮންމެ ކެންޑިޑޭޓަކު އިންތިހާބަށް ހަރަދު ކުރި ގޮތުގެ މާލީ ހިސާބުތަކުގެ ރިޕޯޓެއް އީސީ އަށް ހުށަހަޅަން ޖެހެ އެވެ. އެ ރިޕޯޓް ހުށަހަޅަން ޖެހޭނީ އިންތިހާބު ބާއްވާތާ 30 ދުވަސް ތެރޭގަ އެވެ. އެ މުއްދަތު އިއްޔެއަށް ހަމަވެފައިވާ އިރު، މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދެން މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

އީސީގެ މީޑިއާ އޮފިސަރު އައިޝަތު ޝިފާނާ މިއަދު ވިދާޅުވީ އިއްޔެއާ ހަމައަށް މާލީ ރިޕޯޓު އީސީ އަށް ހުށަހަޅާފައި ވަނީ 182 ކެންޑިޑޭޓުން ކަމަށެވެ. އަދި މާލީ ރިޕޯޓު ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕީޖީ އަށް ފޮނުވުމާ މެދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ޝިފާނާ ވިދާޅުވި އެވެ.

"މީގެ ކުރީގެ އިންތިހާބުތަކުގައި މާލީ ރިޕޯޓް ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ މި ކޮމިޝަނުން ވަނީ ޕީޖީ އަށް ފޮނުވާފައި. ނަމަވެސް މަޖިލިސް އިންތިހާބަށް ފަހު މާލީ ރިޕޯޓު ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕީޖީ އަށް ފޮނުވުމާ މެދު މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ،" އީސީގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ބައިވެރިވި 302 ކެންޑިޑޭޓުންގެ ތެރެއިން މާލީ ރިޕޯޓް ހުށަނާޅަނީ 120 ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންގެ ތެރޭގައި މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުން ތިއްބެވި ކަމެއް އިލެކްޝަންސް ކޮމިޝަނުން ކަށަވަރެއް ނުކޮށްދެ އެވެ.

ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ މާލީ ތަފްސީލުތަކުގެ ތެރޭގައި ތާއިދު ހޯދުމަށް ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދާއި ކެމްޕޭނަށް ފައިސާ ހޯދި ގޮތާއި އެ ފައިސާ ދިން ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުން ދިން ފައިސާގެ ތަފްސީލު ހުށަހަޅަން ޖެހެ އެވެ. އަދި އިންތިހާބަށް ޚާއްސަކޮށް ހުޅުވާފައިވާ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތު ހުށަނާޅައިފި ނަމަ އެ ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ 6000 ރުފިޔާ އާއި 24،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނެފައިވެ އެވެ.