ސަންޢާ (އެޕްރީލް 22) : ޔަމަންގެ ދެކުނުގެ އަބީން ގަވަނޭޓްގައި ހަރަކާތްތެރިވަމުންދާ ނުރައްކާތެރި ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކެއްގައި އޭގެތެރެއިން 55 މީހުން މަރާލެވިއްޖެ ކަމަށް ޔަމަންގެ ސަރުކާރުން ބުނެފި އެވެ.

ޔަމަންގެ ދާޚިލީ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިލްސިލާގޮތެއްގައި އިއްޔެ ދިން މި ޙަމަލާތައް އެތައް ގަޑީއިރަކަށް ދިގުދެމިގެން ދިޔަކަމަށާ މި ޙަމަލާތަކުގައި މަރާލެވުނު 55 މީހުންގެ ތެރޭގައި އަލްގާއިދާގެ އިސްކޮމާންޑަރުންގެ ތިން މީހުން ހިމެނޭކަމުގަ އެވެ. އިއްޔެގެ ޙަމަލާތަކަކީ އެގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އަލްގާއިދާގެ ހަނގުރާމަވެރިން އެސަރަހައްދުތަކުން ބޭރުކުރުމަށް 2012 ވަނަ އަހަރު ޔަމަން ސިފައިން ހިންގި "ގޯލްޑަން ސްވޯޑްސް" ޢަސްކަރީ އޮޕަރޭޝަނަށް ފަހު އަލްގާއިދާއާ ދެކޮޅަށް ދެވުނު އެންމެ ވޭންދެނިވި ޙަމަލާތައް ކަމަށް ވެސް ޔަމަންގެ ދާޚިލީ ވުޒާރާ އިން ސިފަކޮށްފައިވެ އެވެ.

ދެ ހާސް ބާރަ ވަނަ އަހަރު ޔަމަން ސިފައިން ހިންގި "ގޯލްޑަން ސްވޯޑްސް" ޢަސްކަރީ އޮޕަރޭޝަނާ އެކު އަލްގާއިދާގެ ހަނގުރާމަވެރިން، އަބީން ގަވަނޭޓުން މުޅިން ފައްސާލެވުނު ނަމަވެސް 2013 ވަނަ އަހަރު އެޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އަލުން އަނބުރައި އެސަރަހައްދަށް އައިސް "ހާލި" ހަދާފަ އެވެ. ޔަމަންގެ ވައިގެ ސިފައިން އިއްޔެދިން ޙަމަލާތަކުގައި އެމެރިކާގެ ޢަސްކަރީ ޑްރޯން މަތިންދާބޯޓުތައް ވެސް ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައްބުނެ އެވެ. އިއްޔެގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާ އަބީން ގަވަނޭޓުގެ ސަރަހައްދުތަކުގެ ތެރޭގައި ލޫދިޔާ، ޚައްޔާލާ އަދި ރަމިޘާ ހިމެނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެމެރިކާއިން ވެސް ވަނީ ޔަމަންގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ޑްރޯން މަތިންދާބޯޓުތަކުން ޙަމަލާދީ 31 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލާފަ އެވެ. ޔަމަންގެ ދެކުނުގައިވާ އަލްގާއިދާގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ އަލްމަހްފަދް އަށް ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން މިދިޔަ އާދީއްތަ ދުވަހު އެމެރިކާ ދިން ޙަމަލާއެއްގައި 13 މީހުން މަރުވެފައިވާ އިރު އޭގެތެރޭގައި އާންމުންގެ ތިން މީހުން ވެސް ހިމެނޭކަމަށް ޚަބަރުލިބެ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ޔަމަންގެ ދެކުނުގެ ސޮވްމިއާ ސަރަހައްދަށް އެމެރިކާ ދިން ޑްރޯން ޙަމަލާތަކެއްގައި ވެސް 18 މީހުން މަރުވެފައިވާ އިރު އެ 18 މީހުންގެ ތެރޭގައި ވެސް އާންމުން ހިމެނޭ ކަމަށް ވެ އެވެ. ނަމަވެސް މިކަމާ ބެހޭ ތަފްސީލެއް ޔަމަންގެ ސަރުކާރުން ދީފައެއްނުވެ އެވެ.

އަލްގާއިދާގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށްބުނެ އެމެރިކާ އިން މިދިޔަ އަހަރުގެ ޖޫންމަހު ޔަމަންގެ ކައިވެނި ޕާޓީއަކަށް ވެސް ހަމަލާދީ 12 މީހުން މަރާލުމުގެ ބޮޑު ޖަރީމާއެއް ވެސް ހިންގާފައިވެ އެވެ. ކައިވެނި ޕާޓީއަކަށްދިން އެހަމަލާ ތަހްގީގްކޮށް އެޖަރީމާގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިން އިންސާފުގެ ކުރިމައްޗަށް ގެނެވިފައިނުވާ އިރު އެމެރިކާ އިން ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޔަމަނަށް ހަމަލާތައް ދެނީ ޔަމަން ސަރުކާރުގެ ރުހުމާއެކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ވަނީ އަލްގާއިދާ އަށް އަމާޒުކޮށްގެން ކަމަށްބުނެ އެމެރިކާއިން ޔަމަނަށްދޭ ހަމަލާތައް ދިފާއުކުރައްވައި އެތައް ފަހަރަކު ވާހަކަ ދައްކަވާފަ އެވެ. ޔަމަންގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެގައުމުގެ ދެކުނުގައި ހާލި ހަދައިގެން އުޅޭ އަލްގާއިދާގެ ހަރުކަށި ހަނގުރާމަވެރިން ވަނީ ފާއިތުވި ދެއަހަރު ތެރޭގައި ޔަމަންގެ މަސްއޫލުވެރިންގެ 200 އަށް ވުރެ ގިނަމީހުންގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލާފަ އެވެ. އެހެންކަމުން އަލްގާއިދާއަކީ ޔަމަންގެ ދައުލަތަށާއި އެގައުމުގެ އަމަން އަމާންކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް ޔަމަނުން ވަނީ ސިފަކޮށްފަ އެވެ. (އަލްޖަޒީރާ)