ރިޔާޟް (އެޕްރީލް 22) : ސައޫދީ އަރަބިޔާގައި ފެތުރެމުންދާ ކްރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން އެގައުމުގެ ސިއްހަތާބެހޭ ވަޒީރު މަގާމުން ދުރުކޮށްފި އެވެ. ސައޫދީ ރަސްމީ ނޫސްއެޖެންސީ ޚަބަރުދޭ ގޮތުގައި އެގައުމުގެ ސިއްހަތާބެ ހޭވަޒީރު ޢަބްދުﷲ އައްރަބީޢާ މަގާމުން ދުރުކޮށްފައި ވަނީ އަބްދުﷲ ރަސްގެފާނު ނެރުއްވި ޝާހީ އަމުރެއްގެ ދަށުންނެވެ.

ޝާހީ އެއަމުރުގެ ދަށުން ޢަބްދުﷲ އައްރަބީޢާ ވަނީ ސިއްހަތާބެހޭ ވަޒީރު ކަމުގެ މަގާމުން ދުރުކުރުމަށް ފަހު ރަސްކަމުގެ ދީވާނުގެ މުސްތަޝާރެއްގެ މަގާމަށް (ވަޒީރެއްގެ ފެންވަރުގައި) އައްޔަންކޮށްފަ އެވެ. އަދި އަދި ޝާހީ އެހެން އަމުރެއްގެ ދަށުން ސިއްޙަތާ ބެހޭ ވުޒާރާ ވަގުތީ ގޮތުން ހިންގުން މަސައްކަތްތަކާ ބެހޭ ވަޒީރު އާދިލް ބިންމުޙައްމަދާ ޙަވަލާލުކުރައްވާފައިވާ ކަމަށް ވެސް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސައޫދީ ސިއްހަތާ ބެހޭ ވަޒީރު މަގާމުން ދުރުކޮށްފައި ވަނީ އެގައުމުގައި ފެތުރެމުންދާ ނުރައްކާތެރި ރޯގާއެއް ކަމަށްވާ ކްރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގައި ސިއްޙީ ދާއިރާ ނާކާމިޔާބުވެފައިވާ މައްސަލައާ ގުޅިގެންނެވެ. ކްރޯނާ ވައިރަސްޖެހިގެން މިދިޔަ ހަފްތާގައި ވެސް ސައޫދީ އަރަބިޔާގައި 20 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ އިރު އޭގެތެރެއިން ދެމީހުން މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުވަނީ މަރުވެފަ އެވެ. މި 20 މީހުންނާ އެކު ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި އިތުރު 49 މީހުންނަށް ސައޫދީ އަރަބިޔާގައި ކްރޯނާ ވައިރަސް ޖެހިފައިވާ ކަމަށް އެގައުމުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ހާމަކޮށްފައިވެ އެވެ.

މީގެ ދެއަހަރު ކުރިން ސައޫދީގެ އިރުމަތީގެ ރަށްފުށުގެ ސަރަހައްދަކުން ފެނުނު ކްރޯނާ ވައިރަސް ބަލި ކޮންޓްރޯލްނުވެ މިހާރު ވެރިރަށް ރިޔާޟް އާއި ހުޅަނގުގެ ބޮޑު ސިޓީއެއްކަމަށްވާ ޖިއްދާއަށް ވެސް އެވައިރަސް ވަނީ ފެތުރިފަ އެވެ. އަދި ނަޖްރާން ސަރަހައްދާއި މަދީނަތުލްމުނައްވަރާ އިންވެސް ދާދިފަހުން ވަނީ ކްރޯނާ ވައިރަސް ޖެހިފައިވާ ބަޔަކު ފެނިފަ އެވެ.
ކްރޯނާ ވައިރަސްގެ ޙާލަތްތައް ޖިއްދާއާއި ރިޔާޟުން ފެނުމުން ސައޫދީ އަރަބިޔާގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށްވެ އެވެ. ކްރޯނާ ވައިރެހަކީ ސާސް ވައިރަސް ފަދައިން ނޭވާލުމުގެ ނިޒާމަށް ޖެހޭ ވަރަށް ނުރައްކާތެރި ވައިރެހެކެވެ. ބޭހެއް އަދި ވެކްސިންއެއްވެސް މިހާތަނަށް ހޯދިފައިނުވާ މިވައިރަސް ޖެހޭމީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އިން ބުނެ އެވެ.

ސައޫދީ ޑޮކްޓަރުންނާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑޮކްޓަރުން ގުޅިގެން ކޮށްފައިވާ ދިރާސާތައް ދައްކާގޮތުން ކްރޯނާ ވައިރަސް ގެ އަސްލަކީ ޖަމަލެވެ. ސައޫދީ އަރަބިޔާ އަށް މިވައިރަސް އައިސްފައިވަނީ ޖަމަލުގެ ޒަރީޢާ އިން ކަން ދިރާސާތަކުން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށާ ޖަމަލުގެ ފަރާތުން މިބަލި އިންސާނުންނަށް ޖެހުނު ނަމަވެސް އިންސާނުންގެ އެކެއްގެ ގައިން އަނެކަކަށް މިބަލި އަރާނެ ކަމަށް ނުބެލެވޭ ކަމަށް ސައޫދީ ޑޮކްޓަރުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ކްރޯނާ ވައިރެހަކީ އޭގެ ހާލަތު ބަދަލުވުމުގެ ގާބިލްކަން ލިބިފައިވާ ވައިރެހަކަށް ވެދާނެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ވައިރެހޭ ބެހޭ އިސްތަޖްރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.

ކްރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ސައޫދީ އަރަބިޔާގައި 76 މީހުން މަރުވެފައިވާއިރު 244 މީހަކަށް މިބަލި ޖެހިފައިވެ އެވެ. (އަލްޖަޒީރާ)