ސިފައިން އަމަލުކުރާ ގޮތަކުން ސިފައިންނާ ދޭތެރޭ މުޅި މުޖުތަމައުގައި އޮންނަ އިތުބާރު ނެތިގެން ހިނގައިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 122 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަލުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތާއި ރައްޔިތުންގެ ފަރާތުން ސިފައިންނަށް ކުރާ އިތުބާރަކީ އަބަދު ދެމި އޮންނާނެ އެއްޗެއް ކަމަށް ސިފައިން ހީކޮށްގެން ނުވާނެ ކަމަށެވެ.

"ތިބޭފުޅުންނަށް ދައުލަތުގެ ފަރާތުން ތިބޭފުޅުންނަށް ރައްޔިތުންގެ ފަރާތުން މި އޮންނަ އިތުބާރަކީ އެއްވެސް ގޮތެއްގައި ގެރެންޓީޓް އެއްޗެއް ކަމަށް ދެކެވަޑައި ނުގަންނަވާށޭ. މިއީ ވަރަށް ނާޒުކު އިތުބާރެއް. މިއީ ވަރަށް ނާޒުކު ކޮންޓްރެކްޓެއް. ހަމަ އެންމެ ހާދިސާއަކުން އަމަލުކުރެވޭގޮތުން ސިފައިންނާ ދޭތެރޭ އޮންނަ އިތުބާރު ހަމަ މުޅިން މުޖުތަމައުތެރޭގައި ނެތިގެން ހިނގައިދާނެ،" ރައީސް ވިދާޅުވި އެވެ.

ސިފައިންނާ މެދު ރައްޔިތުން ކުރަމުންއައި އިތުބާރު ގެއްލިގެންދާނެ ކަމުގެ ވަރުގަދަ މިސާލަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތައް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ޚިދުމަތަކީ ހަމައެކަނި ދީނާއި ގައުމު ހިމާޔަތްކުރުން ނޫންކަމަށާއި ސިފައިން އަމަލުކުރާ ގޮތުން ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް ވެސް އެކިފަހަރު އެކިގޮތަށް އަސަރު ކުރާ ކަމަށެވެ. އެހެންކަމުން ސިފައިންގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނީ ރާއްޖެ ބައިވެރިވާ ބައިނަލް އަގުވާމީ މުއާހަދާތަކަށް އިހުތިރާމުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިފައިންގެ ޚިދުމަތަކީ އަވަށްޓެރި ގައުމްތަކާ އަދި ދުރުގައިވާ ގައުމުތަކާ ދޭތެރޭގައި އަޅުގަނޑުމެން ބައިނަލްއަގުވާމީގޮތުން ގެންގުޅޭ މުއާހަދާތަކާ އެކީ ބައިނަލްއަގުވާމީ ގުޅުމަށް ވެސް އިހްތިރާމްކޮށްގެން ކަންކަން ކުރިއަށް ގެންދަންޖެހޭ ބައެއް،" ރައީސް ވިދާޅުވި އެވެ.

ސިފައިންނަކީ ގާނޫނުގެ މަތީގައި ތިބި ބައެއް ނޫންކަމަށާއި އެއީ ގާނޫނު ދަމަހައްޓަން ތިބި ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ސިފައިންނަށް ދިމާވާ ކަންކަމުގައި ސިފައިންގެ ޕްރޮފެޝަނަލިޒަމް ދައްކަނީ ކިހާވަރަކަށްތޯ ރައްޔިތުން ބަލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.