ކޮންމެ އަހަރެއްގެ ރޯދަމަހު މާލެއަށާއި އެކި ރިސޯޓުތަކަށް ގިނަ އަދަދެއްގެ ކަރާ ބޭރުކުރާ ތޮއްޑޫގެ ދަނޑުވެރިން މިއަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކަރާ ދަންޑުތަށް ހެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ މިއަހަރު ރޯދަ މަހަށް ކަރާހެއްދުމަށް އެ ރަށުން ޖުމްލަ 1،978،900 އަކަފޫޓުގެ ބިން ދޫކޮށްފައި ވާކަމަށާއި މިއަހަރު ބިން ދޫކޮށްފައި ވާނީ ހަމައެކަނި ތޮއްޑޫގެ ރައްވެހިންނަށް ކަމަށެވެ. އެގޮތުން ތޮއްޑޫގެ 1799 މީހުންނަށް ކަރާހެއްދުމަށް ބިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ދަނޑުވެރިން ރޯދައަށް ކަރާ ހައްދަން ތައްޔާރުވެފައި: ރަށުގެ ދަނޑުވެރިންނަށް ވަނީ 132 ދަނޑު ދޫކޮށްފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ 132 ދަނޑު ކަމަށާއި މިއަދުން ފެށިގެން މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކަރާ އިންދުމަށް ދަނޑުވެރިންނަށް ހުޅުވާލާފައި ވާކަމަށެވެ. އަދި ގިނަ ދަނޑުވެރިންތަކެއް މިހާރު ކަރާ އިންދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މެއިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ދަނޑުތަށް އިންދަން ހުޅުވާލާފައި ވީނަމަވެސް އޭޕްރީލް މަސް ނިމެންވާއިރަށް ހުރިހާ ދަނޑެއްގައި ކަރާ އިންދާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ތޮއްޑޫ ދަނޑުވެރިން ރޯދައަށް ކަރާ ހައްދަން ތައްޔާރުވެފައި: ރަށުގެ ދަނޑުވެރިންނަށް ވަނީ 132 ދަނޑު ދޫކޮށްފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް


ތޮއްޑޫ އިން ސަން އަށް މައުލޫމާތު ދިން ދަނޑުވެރިއެއް ބުނީ ރޯދަމަހަށް ހާއްސަކޮށް ހައްދާ ދަނޑުތަކުން "ރޯދަކަރާ" ރޯދަމަސް ފެށުމުގެ އެއް ހަފްތާކުރިން މާލެއަށް ގެނެވޭވަރު ވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ރޯދަމަހު ތޮއްޑޫ ގެ ދަނޑުވެރިން މާލެއަށް ކަރާ ގެނައުމަށްޓަކައި އަވަދިނެތި މަސައްކަތް ކުރާނެ ކަމަށެވެ.

ޒަމާންތަކެއް ވަންދެން ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ތޮއްޑޫ އިން ގިނަ އަދަދެއްގެ ކަރާ ބޭރުކުރާއިރު މިދިޔަ އަހަރު ރޯދަމަހު އެރަށުން ވަނީ ގާތްގަނޑަކަށް 218 ޓަނުގެ ކަރާ ބޭރުކޮށްފަ އެވެ.

ތޮއްޑޫ ދަނޑުވެރިން ރޯދައަށް ކަރާ ހައްދަން ތައްޔާރުވެފައި: ރަށުގެ ދަނޑުވެރިންނަށް ވަނީ 132 ދަނޑު ދޫކޮށްފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް