21 Apr 2014, 21:36
މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހަރަދުކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައި ވަނީ 60 ޕަސެންޓް ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އިންތިހާބުގައި ވާދަ ކުރި ކޮންމެ ކެންޑިޑޭޓަކު އިންތިހާބަށް ހަރަދު ކުރި ގޮތުގެ މާލީ ހިސާބުތަކުގެ ރިޕޯޓެއް އީސީ އަށް ހުށަހަޅަންޖެހެ އެވެ. އެ ރިޕޯޓް ހުށަހަޅަން ޖެހޭނީ އިންތިހާބު ބާއްވާތާ 30 ދުވަސް ތެރޭގަ އެވެ. އެ މުއްދަތު މިއަދަށް ހަމަވެފައިވާ އިރު، މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދެން މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
އީސީގެ މީޑިއާ އޮފިސަރު އައިޝަތު ޝިފާނާ މިރޭ ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:00އާ ހަމަޔަށް މާލީ ރިޕޯޓް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދު އަދި ކަށަވަރު ނުވާ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރި 302 ކެންޑިޑޭޓުންގެ ތެރެއިން 60 ޕަސެންޓް ކެންޑިޑޭޓުން މާލީ ރިޕޯޓް އީސީ އަށް ހުށަހަޅާފައިވާ ކަމަށް ޝިފާނާ ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަ ކުރި 302 ކެންޑިޑޭޓުންގެ ތެރެއިން 60 ޕަސެންޓަކީ 181 ކެންޑިޑޭޓުންނެވެ. އެހެންކަމުން މާލީ ބަޔާން ހުށަނާޅާ ގާތްގަނޑަކަށް 121 ކެންޑިޑޭޓުން ހިމެނޭނެ އެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެފައިވާ މެމްބަރުން ވެސް ހިމެނެ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ މާލީ ތަފްސީލުތަކުގެ ތެރޭގައި ތާއިދު ހޯދުމަށް ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދާއި ކެމްޕޭނަށް ފައިސާ ހޯދި ގޮތާއި އެ ފައިސާ ދިން ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުން ދިން ފައިސާގެ ތަފްސީލު ހުށަހަޅަންޖެހެ އެވެ. އަދި އިންތިހާބަށް ޚާއްސަ ކޮށް ހުޅުވާފައިވާ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތު ހުށަނާޅައިފި ނަމަ އެ ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ 6000 ރުފިޔާ އާއި 24،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނެފައިވެ އެވެ.