ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ބަންދުގެ މުއްދަތު ހަތް ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

އެ މީހުންގެ ބަންދަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ. އޭގެ ކުރިން އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިދިނީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރައްޓެހިންތަކަކާއެކު ރެސްޓޯރެންޓެއްގައި ކޮފީއެއް ބޯން އިންދައި އަލްހާންގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމް އެވެ.

އަލްހާން ގަޔަށް ވަޅި ހެރި މައްސަލައާ ގުޅިގެން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހުސައިން ހުމާމް އަހްމަދުގެ ބޭބެ، ހ. ލޮބީ މުހައްމަދު ކިނާނަތު އަހްމަދު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް މުއްދު އިތުރުކުރުމަށް އޭނާ ކޯޓަށް ގެންގޮސްފައެއް ނުވެ އެވެ.