މިހާރު ކުރިއަށްދާ ކޮމިޝަނަރު އޮފް ޕޮލިސްގެ ވާދައިގެ ތަށްޓަށް ކުޅެވޭ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފޮރެންސިކް ފްރެންޑްސް މޮޅުވެއްޖެ އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓާއި ވާދަކޮށް 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓް 25-23 އިން ޑީއީޑީ ކާމިޔާބުކުރި އިރު، ދެވަނަ ސެޓް ކާމިޔާބުކޮށްފައި ވަނީ އައިސީޓީޑީ އިންނެވެ. މި ސެޓް އެޓީމުން ކާމިޔާބުކޮށްފައި ވަނީ 27-25 އިންނެވެ. މެޗުގެ 3 ވަނަ ސެޓާއި 4 ވަނަ ސެޓް ޑީއީޑީ ކާމިޔާބުކޮށްފައިވާ އިރު، މި ސެޓްތައް އެ ޓީމުން ގެންގޮސްފައިވަނީ 25-21 އަދި 25-18 ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ޑީއީޑީގެ ޙުސައިން ސުޖާއު އެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް އިއްޔެ ފަށާފައިވާއިރު ފޮރެންސިކް ފްރެންޑްސް އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ މާލެ ސިޓީ ޕީސް މޭކަރސް ވުމެންސް ޓީމާ ވާދަކޮށް 2-0 ސެޓުންނެވެ. މި މެޗުގެ ސެޓްތައް ފޮރެންސިކް ފްރެންޑްސްއިން ގެންގޮސްފައި ވަނީ 25-17 އަދި 26-24 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ފޮރެންސިކް ފްރެންޑްސްގެ ހައްވާ ރާޝިދާ އެވެ.

މި މުބާރާތުގެ ކުޅުން މިއަދުވެސް ކުރިއަށް ދާނެއެވެ. އެގޮތުުން މިއަދު ހަވީރު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ޓްރެފިކް ޕޮލިސް އާއި މާލެސިޓީ ޕީސް މޭކާސް އޭ ޓީމެވެ. ދެވަނަ މެޗުގައި ވާދަކުރާނީ މެރިން ޕޮލިސް އާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގް ޑިޕާޓްމަންޓް (އީއެމްއީޑީ) އެވެ.