27 Dec 2010, 07:45
އެމްބީސީ ފިޔަވައި، ދައުލަތުގެ މީޑީޔާ ހިންގުމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފަރާތަކަށް އެއްވެސް ފައިސާއެއް ދީގެން ނުވާނެ ކަމަށާއި މިއަދުން ފެށިގެން 2011 ވަނަ އަހަރުގެ ބަޖެޓުން ވެސް އެއްވެސް ނަމެއްގައި އެމްއެންބީސީ އަށް، އެއްވެސް ފައިސާއެއް ނުދިނުމަށް ރެކޮމަންޑޭޝަންގެ ގޮތުގައި ބަޖެޓް ރިޕޯޓްގައި ހިމެނުމަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، އެ އިސްލާހު ހުށަހަޅުއްވަމުން، ޕީއޭގެ މެންބަރު، ގަމު ދާއިރާގެ ޔޫސުފު އަބްދުލްޣަފޫރު ވިދާޅުވީ، ދައުލަތުގެ މީޑިޔާ ހިންގުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ފިޔަވައި އެހެން ފަރާތަކަށް ފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށެވެ.
" ދައުލަތުގެ މީޑިޔާ މިނިވަންކޮށް މުސްތަގިއްލު ކުރުމުގެ މަގުސަދުގައި، ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަޜޭޝަންގެ ބަޖެޓްގެ ގޮތުގައި 95 މިލިޔަން ރުފިޔާ ހިމެނުމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީން ރެކޮމެންޑޭޝަން ކޮށްފައިވާހިނދު، ދައުލަތުގެ ބަޖެޓާ އެކު ފާސްކުރާ ކޮންމެ ރެކޮމެންޑޭޝަނަކީ، ސަރުކާރުން އެއަށް އަމަލު ކުރުން ލާޒިމް ރެކޮމެންޑޭޝަނެއް ކަމަށް، މާލިއްޔަތު ކޮމިޓީގެ އިސްލާހުގައި ހިމެނިފައިވާ ހިނދު ދައުލަތުގެ މީޑިޔާ ހިންގުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ފިޔަވައި އެހެން ފަރާތަކަށް ފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށް ފެންނަ ހިނދު 2011 ވަނަ އަހަރުގެ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމްޕެނީ ލިމިޓެޑަށް، ނުވަތަ ކުރިމަގުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ފިޔަވައި، ދައުލަތުގެ މީޑިޔާ ހިންގުމަށް އުފައްދާ ނުވަތަ އައްޔަންކުރާ ނުވަތަ ނަން ބަދަލު ކުރާ އެއްވެސް ފަރާތަކަށް އެއްވެސް ނަމެއްގައި އެއްވެސް މިންވަރަކަށް ފައިސާ ނުދިނުމަށާއި، އަދި މިއަދުގެ ތާރީހުން ފެށިގެން 2011 ވަނަ އަހަރުގެ ބަޖެޓުން ވެސް އެއްވެސް ނަމެއްގައި އެމްއެންބީސީ އަށް އެއްވެސް ފައިސާއެއް ނުދިނުމަށް ބަޖެޓް ރެކޮމަންޑޭޝަންގެ ގޮތުގައި ބަޖެޓް ރިޕޯޓްގައި ހިމެނުމަށް ހުށަހަޅަން،" ޔޫސުފު އަބްދުލްޣަފޫރުގެ ރެކޮމަންޑޭޝަނުގައިވެ އެވެ.
ހަތް މެންބަރަކު ބަޖެޓަށް އިސްލާހު ހުށަހަޅުއްވާފައި ވާއިރު، 2011 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ އެއްވެސް ސަބްސިޑީއެއް، ނުވަތަ ލޯނެއް، ނުވަތަ އެއްވެސް ބާވަތެއްގެ ފައިސާގެ އެހީއެއް، އެއްވެސް ފަރާތަކަށް ދޭން ވާނީ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ކަމަށް، ގާއުމީ ޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވެސް ބަޖެޓަށް މިއަދު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. އޭގެ އިތުރުން ސުނާމީ ކާރިސާގައި ހާލުގައި ޖެހިފައިވާ ރަށްރަށުގެ ތެރެއިން މ. ކޮޅުފުއްޓާއި ތ. މަޑިފުއްޓާއި އެ އަތޮޅު ދިޔަމިގިއްޔާއި ބުރުންޏާއި ލ. މާބައިދޫ އާއި ދަނބިދޫ އާއި މާއެނބޫދޫގެ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ކޮންޓެންޖެންސީ ބަޖެޓުން 20 މިލިޔަން ރުފިޔާ ހަމަޖެއްސުމަށާއި ހާލުގައި ޖެހުނު ރަށްތަކުގެ ތެރެއިން، ކޮޅުފުއްޓާއި ވިލުފުއްޓާއި މަޑިފުއްޓާއި ދުވާފަރާއި މާބައިދޫ އާއި ދަނބިދޫގައި ހިނަވާގެ ގާއިމު ކުރުމަށް ކޮންޓެންޖެންސީ ބަޖެޓުން ހަ މިލިޔަން ރުފިޔާ ހަމަޖެއްސުމަށް ވެސް ރިޔާޒު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ.
ޑީއާރުޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފު ބަޖެޓަށް ހުށަހަޅުއްވި އިސްލާހުތަކުގެ ތެރޭގައި، ދަތުރު ފަތުރުގެ ވިއުގައެއް ގާއިމު ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ 293.9 މިލިޔަން ރުފިޔާގެ ތެރެއިން، މަސްޖިދުއްފުރުގާން މިސްކިތް، އިމާރާތް ކުރުމަށް 10 މިލިޔަން ރުފިޔާ ކަނޑައެޅުމަށާއި މާލޭހިޔާ އާއި ސިނަމާލެ ފްލެޓް އިމާރާތް، މަރާމާތުކޮށް ސެކިއުރިޓީ ބެލެހެއްޓުމަށް ފަސް މިލިޔަން ރުފިޔާ ހަމަޖެއްސުމަށް ވަނީ އިސްލާހު ހުށަޅުއްވައިފަ އެވެ. މީގެ އިތުރުން ދަތުރުފަތުރު ކުރުމުގެ ވިއުގައިން ހިދުމަތްދޭ މިންވަރު ބެލުމަށް ފަހު، މާލިއްޔަތު ކޮމިޓީގެ މަޝްވަރާގެމަތިން އެކަން ހިންގުމަށް ނިންމުމަށް ވެސް މަހްލޫފު ވަނީ އިސްލާހް ހުށަހަޅުއްވައިފަ އެވެ. ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސެއިން ހުށަހަޅުއްވާފައިވާ އިސްލާހް ތަކުގެ ތެރޭގައި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް އެކަމުގެ ބޭނުން ބޮޑުވެފައިވާ ރަށްރަށް އިސްކަންދީގެން ކުރިއަށް ގެންދިއުމަށާއި، ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ތަރައްގީ ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ފައިސާ އިން، އިންޖީނުގެ ނެތް ރަށްރަށުގައި އެ ހިދުމަތްދޭ ފަރާތްތަކަށް އެހީ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ހުށަހަޅުއްވާފައިވާ އިސްލާހު ހިމެނެ އެވެ.
"ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރެކޮމެންޑޭޝަންގެ ގޮތުގައި ހުށަހެޅުމަށް އަޅުގަނޑު ބޭނުންވަނީ، ޕީއެސްއައިޕީގެ ދަށުންނާއި އެނޫން ގޮތްގޮތުން ވެސް ބަނދަރު ހެދުމާއި ފަޅު ފުންކުރުމާއި ބަނދަރު މަރާމާތުކޮށްދިނުމާއި ފާލަން އަލައި ތޮށި ލުމާއި ކޯޒްވޭ ހެދުމާއި ބިންހިއްކުމާއި ބަނދަރުމަތީ ވަސީލަތްތައް އުފެއްދުމާއި އެނޫން ވެސް ތަރައްގީއަށް މަގުފަހިކޮށްދޭ ކަންތައްތައް ރަށްރަށުގައި ގާއިމް ކޮށްދިނުމުގައި އެކަމަކަށް ބޭނުންގެޖެހިފައިވާ ހުރިހާ ރަށްރަށް ބެއްލުމަށާއި އެކަމުގެ ބޮޑުމިނަށް ބަލައި މީގެކުރިން އެފަދަ ކަންކަން ކޮށްދީފައިނުވާ ރަށްރަށަށް އިސްކަން ދިނުމަށް ބަޖެޓް ކޮމިޓީގެ ރެކަމަންޑޭޝަންގެ ގޮތުގައި ހިމެނުމަށެވެ. މީގެ އިތުރުން ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޔުޓިލިޓީސް ކުންފުނިތަކަށް އެހީވުމަށާއި ގައުމީ އަދި ބޭރުގެ ފަރާތްތަކުގެ އެހީގައި ކަރަންޓްގެ ހިދުމަތް ކުރިއަރުވައި ދެމެހެއްޓުމަށް ބާރުއެޅުއްވުމަށް ބަޖެޓް ކޮށްފައިވާ ޖުމްލަ 22.3 މިލިޔަން ރުފިޔާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ރައްޔިތުންގެ އިންޖީނުގެ ތަކަށާއި އިންޖީނުގެ ނެތް ރަށްރަށް ކަރަންޓްގެ ހިދުމަތް ދޭ ފަރާތަކަށް ވެސް އެހީ ލިބޭގޮތަށް ހަމަޖެއްސުމަށް،" މުހައްމަދު ހުސައިން ހުށަހެޅުއްވި ރެކޮމަންޑޭޝަންގައިވެ އެވެ.
ސަރުކާރުގެ މަސައްކަތްތައް ކުރަމުންދިޔަ ކުންފުނިތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް ބަޖެޓްގައި ފައިސާ ހިމެނުމަށް ވެސް ބަޖެޓަށް ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ.
ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒް ހުށަހަޅުއްވާފައިވާ، އެ އިސްލާހުގައި ވަނީތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް ކުރަމުންދިޔަ ކޮންސްޓްރަކްޝަން ކުންފުނިތަކަށް 2008 ވަނަ އަހަރު ލިބިފައިވާ ގެއްލުމުގެ ބަދަލުގައި އެ ކުންފުނިތަކަށް ސަރުކާރުން ދޭން ނިންމަވާފައިވާ 280 މިލިޔަން ރުފިޔާ ދެއްކުމުގެ ގޮތުން 2011 ވަނަ އަހަރުގެ ބަޖެޓުގެ އެހެނިހެން އެހީގެ ބައިން 20 މިލިޔަން ރުފިޔާ އެފަރާތްތަކަށް ދައްކާގޮތަށް ކަނޑައެޅުމަށެވެ.މީގެ އިތުރުން ޕީއެސްއައިޕީގެ ދަށުން 2011ގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބޭރުގެ ހިލޭ އެހީ އާއި ލޯނު އެހީގައި ހިންގާ މަޝްރޫއުތަކުގެ އިތުރުން، ވަކިވަކި އަމިއްލަ ފަރުދުންގެ އެހީގައި ފައިސާ ކަނޑައެޅިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ހިނގާ ނުހިނގާގޮތް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގުން ބަލައި ކޮންމެ ތިން މަހުން އެއް މަހު އެ މަޝްރޫއުތަކަށް ކަނޑައެޅިފައިވާ ހަރަދަކުގެ ތަފްސީލާއި އެ މަޝްރޫއުތައް ހިންގާ ގޮތުގެ ފެންވަރާއި މިންވަރު އާއްމުކޮށްދޭ މޮނިޓާ ރިޕޯޓެއް އެ ޑިޕާޓްމަންޓްގެ ވެބްސައިޓްގައި ޝާއިއުކުރުމަށާއި، ޕީއެސްއައިޕީގެ ޕްރޮގްރާމްގެ ތަފްސީލް، ކުރިއަށް އޮތް އަހަރުތަކުގައި ހުށަހަޅާ ދައުލަތުގެ ބަޖެޓްތަކުގައި ހިމެނުމަށް އިނގުރައިދޫ ދާއިރާގެ ހަމްދޫން ހަމީދު ވަނީ ހުށަހަޅުއްވައިފަ އެވެ.
އަމިއްލަ މެންބަރުންގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ އަހުމަދު އާމިރު ހުށަހަޅުއްވި އިސްލާހްތަކުގެ ތެރޭގައި، ބަޖެޓްގައި ހިމަނާފައިވާ ބަނދަރުގައި ލޭންޑްބޭސް ފެސިލިޓީސް ގާއިމް ކުރުމުގެ ޕްރޮގްރާމްގެ ތެރެއަށް، ދ. މާއެނބޫދޫގައި ބަނދަރެއް ހެދުމުގެ މަޝްރޫއެއް ހިމެނުމަށާއި ކޮންޓްރެކްޓް ފައިނޭންސް އުސޫލުން 11 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ލިސްޓުގައި މާބައިދޫ ހިމެނުމަށް ހުށަހަޅާފައިވާ އިސްލާހު ހިމެނެ އެވެ. މީގެ އިތުރުން ސުނާމީގައި ހަލާކުވި ގެތަކާއި އިންފްރާންސްޓްރަކްޗަރު އަލުން ގާއިމް ކުރުމުގެ ޕްރޮގްރާމްގެ ތެރެއަށް ދ. ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލު ކުރުމަށް ކުޑަހުވަދޫގައި 72 ގެ އިމާރާތް ކުރުމުގެ މަޝްރޫއު ހިމެނުމަށް ވެސް އާމިރު ވަނީ ހުށަހަޅުއްވައިފަ އެވެ.