21 Apr 2014, 20:00
މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހްމާލުވި މައްސަލައިގައި ހައްޔަރު ކުރި އިންޑިއާގެ ލެބް ޓެކްނީޝަންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
އެންމެފަހުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކުރި ނަމަވެސް މިފަހަރު ބަންދަށް އިތުރު ކުރީ 10 ދުވަސް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެޗްއައިވީ ޕޮޒިޓިވް ލޭ މީހެއްގެ ގަޔަށް އެޅި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ކެރެލާ އަށް އުފަން ރާޖޭޝް ކަކަންތު ބަސްކަރަން، 32، އެވެ.
އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވި ގޮތުގައި ރާޖޭޝް އިހްމާލުވެފައި ވަނީ، ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީއަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓު ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔެފައިވުމުންނެވެ.
މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ހަބީބު ވިދާޅުވީ މާބަނޑު އަންހެން މީހާގެ ގަޔަށް އެޗްއައިވީ ލޭ އެޅި ދުވަހު ލެބް ޓެކްނީޝަން ކުއްލި ގޮތަކަށް އިންޑީއާއަށް ފުރައިގެން ދިޔަ ކަމަށާއި އެނބުރި ރާއްޖެ އައީ ދެ ދުވަސް ފަހުން ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ އަމިއްލަ ބޭނުމެއްގައި ކަމަށް ހަބީބު ވިދާޅުވި އެވެ.
އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅުނީ އަމިއްލަ އިހްމާލުން ކަމަށް ރާޖޭޝް އެއްބަސްވެފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ އެއްބަސްވެފައި ނުވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.