21 Apr 2014, 19:18
ރާއްޖޭގެ އާސާރީ އަދި ސަގާފީ ތަރިކަތައް ރައްކާތެރިކުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ދުވަސް ފާހަގަކުރުމަށް ގައުމީ ދާރުލް އާސާރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
"... އަޅުގަނޑުމެންގެ އާސާރީ ތަކެތި ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މިކުރެވޭ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި، އޭގެ އެއް ގޮންޖެހުމަކީ މިކަމުގެ ފަންނީ ގާބިލު ދިވެހިން މަދުކަން،" މަލީހު ވިދާޅުވިއެވެ.
އާސާރީ ތަކެތި ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ކަމުގެ ފަންނީ މީހުން މަދުކަމަށާއި އެހެންކަމުން އެދާއިރާއިން ގާބިލު މީހުން ތަމްރީނު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެފަދަ ބައެއް މަސައްކަތްތައް މިހާރުވެސް ހެރިޓޭޖް ޑިޕާޓްމެންޓުން ކުރަމުން އަންނަ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާލޭގައި ހުރި ގަދީމީ މިސްކިތެއް ކަމަށްވާ ފަނޑިޔާރު މިސްކިތް ތަޅައިލި މައްސަލައާ ބެހޭ ގޮތުން ވެސް މިއަދުގެ ރަސްމިއްޔާތުގައި މަލީހު ވާހަކަފުޅު ދެއްކެވިއެވެ.
އެމިސްކިތް ތަޅައިލިމީހުންނާ މެދު ފިޔަވަޅު އެޅުން ދަތިކަމަކަށް ވެފައިވާ ކަމަށާއި ސަބަބަކީ އެކަމަށް ބޭނުންވާ ގާނޫނެއް ނެތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... އަޅުގަނޑުމެނަށް މިދިޔަ އަހަރު ފަހުކޮޅު އިވިގެން ދިޔަ އެއް އަޑަކީ މާލޭގެ ވަރަށް ގަދީމީ މިސްކިތެއް ހެރިޓޭޖް ޑިޕާޓްމެންޓަށް އެންގުމަކާ ނުލައި ކޮންމެވެސް ބަޔަކު ތަޅާލިކަން. އަޅުގަނޑު ވަރަށް ހިތާމަކުރި ކަމެއް. އެކަމާ ބެހޭ ތަފުސީލީ ރިޕޯޓެއް ހެރިޓޭޖް ޑިޕާޓްމެންޓުން ވަނީ އެކުލަވާލާފައި. އަޅުގަނޑުމެން ބެލިބެލުމުން އެނގުނީ އެކަށީގެންވާ ރައްކާތެރިކަމުގެ ގާނޫނެއް ނެތުމުގެ ސަބަބުން މިދެންނެވި އަމަލު ހިންގި ފަރާތަށް ވެސް އެކަށީގެންވާ އަދަބެއް ނޫނީ ފިޔަވަޅެއް އެޅުން ހަމަ ހަގީގީ މާނައިގައި ވެސް މިވަނީ ދަތިކަމަކަށް ވެފައި،" މަލީހު ވިދާޅުވިއެވެ.
އެފަދަ ގާނޫނެއް ގެނައުމަށް ހެރިޓޭޖް ޑިޕާޓްމެންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ތަރިކައިގެ ދުވަހަކީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރުން މިފަހަރު ލަސްވީ އަތޮޅުތެރޭގެ ރަށެއްގައި އެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނިކޮށް އެންމެ ފަހު ވަގުތު އެރަށު ކައުންސިލުން އެކަމަށް އެއްބާރުލުން ނުދިނުމުންނެވެ.