އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުންތަކުގައި ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) މިއަދު ބައިވެރި ވެއްޖެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ހަވީރު 4:45 ގައި ކުރިއަށް ގެންގޮސްފައި ވަނީ ހެންވޭރު ދަނޑުގައެވެ.

ދަގަނޑޭ މިހާރު ކުޅެމުން އަންނަ މެލޭޝިއާގެ ޕީޑީއާރުއެމް ޗެލެންޖް ކަޕަށް އޭނާ ދޫކޮށްފައި ވަނީ މިދިޔަ ހަފްތާގެ ފަހު ކޮޅު ދަނގަޑޭގެ ރިލީޒް ހޯދުމަށް ގައުމީ ޓީމުގެ މެނޭޖަރު އަހްމަދު މަހުލޫފް އާއި އެފްއޭއެމްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން ޕީޑީއާރުއެމްގެ ކޯޗާ ބައްދަލުކޮށް މަސްވަރާ ކުރުމަފަހުއެވެ.

ފީފާ ގަވާއިދު ބުނާ ގޮތުން ކްލަބުން ކުޅުންތެރިޔާ ގައުމީ ޓީމުގެ މުބާރާތަކަށް ދޫކުރަން މަޖުބޫރުވާނީ މުބާރާތް ފެށުމުގެ 14 ދުވަސް ކުރިންނެވެ. ނަމަވެސް އޭގެ ކުރިން ދޫކުރުމުގެ އިހުތިޔާރު ކްލަބަށް އޮވެ އެވެ.

މެލޭޝިއަން ޕްރިމިއާ ލީގް ޕީޑީއާރްއެމްއަށް ކާމިޔާބުކޮށްދިނުމަށް ޓަކައި ދަނގަޑޭ ވަނީ އެޓީމަށް މުހިންމު މެޗުތަކަކުން ކާމިޔާބު ކޮށްދީފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ޕުލާއު ޕިނާންގާއި ޕީޑީއާރްއެމް ކުޅުނު މެޗުގެ ފަހު ވަގުތު ދަގަނޑޭ ޖެހި ލަނޑާ އެކު، 2-1 އިން މޮޅުވެ ޕީޑީއާރްއެމް މިހާރު ވަނީ ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ޕީޑީއާރްއެމްގައި މޮޅު ކުޅުމެއް މި ސީޒަނުގައު ދަގަނޑޭ ދައްކަމުންދާއިރު މެލޭޝިއަން ޕްރިމިއާ ލީގުގައި މި ވަގުތު ލަނޑުގެ ލިސްޓްގެ އެއްވަނަ މަގާމުގައި ވެސް ވަނީ ދަގަނޑޭ އެވެ.

ޗެލެންޖް ކަޕް ފެށެން 28 ދުވަހަށް ވެފައިވާއިރު ދިވެހި ގައުމީ ޓީމުގެ ފަރިތަކުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މިފަހަރުގެ ޗެލެންޖްކަޕަށް ގައުމީ ޓީމުން ވަނީ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފައެވެ.

ޗެލެންޖް ކަޕަށް އެކުލަވާލި ސްކޮޑުގައި ހިމެނޭ މާޒިޔާ އާއި ނިއު ރޭޑިއަންޓުގެ ކުޅުންތެރިން ހަފްތާއެއްގެ ޕްރެކްޓިހުގައި ބައިވެރިވެފައިވީ ނަމަވެސް ދެ ޓީމުގެ ކުޅުންތެރިން ވެސް ގައުމީ ޓީމުގެ ޕްރެކްޓިހާ ރަސްމީކޮށް ގުޅޭނީ މި މަހުގެ 23 ގައި އެ ދެ ޓީމު އޭއެފްސީ ކަޕުގައި ކުޅެން ޖެހޭ މެޗުތަކަށް ފަހު އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބެއެވެ.