21 Apr 2014, 18:32
ރާއްޖޭގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމަނައިފިއެވެ.
ހެރިޓޭޖް ޑިޕާޓްމެންޓުން މިކަން ހާމަކުރީ ދުނިޔޭގެ ތަރިކައިގެ ދުވަސް " ވޯލްޑް ހެރިޓޭޖްޑޭ" ފާހަގަ ކުރުމަށް ގައުމީ ދާރުލް އާސާރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
" ... ކުރެވުނު މަސައްކަތުން އަޅުގަނޑުމެން މިދެންނެވި ފަސްމިސްކިތެއް މިހާރު މިއޮތީ ވަގުތީ ލިސްޓްގެ ތެރެއަށް ވަދެފައި،" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެރިޓޭޖް ޑިޕާޓްމެންޓްގެ ޑިރެކްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހެރިޓޭޖް ޑިޕާޓްމެންޓުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ ތަރިކައިގެ ހަގީގީ ލިސްޓްގެ ތެރެއަށް އެމިސްކިތްތަށް ވެއްދުމަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ކަމަށެވެ.
" އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުންމިއަންނަނީ ހަގީގަތުގައި ދުނިޔޭގެ ތަރިކައިގެ ލިސްޓްގެ ތެރެއަށް، ހަގީގީ ލިސްޓްގެ ތެރެއަށް މި މިސްކިތްތައް ވެއްދުމަށް ޓަކައި ބޭނުންވާ ލިޔެކިއުންތަކާ ކުރެހުންތަކާ ފޮޓޯތަކާ މިހުރިހާ އެއްޗިހިތައް ތައްޔާރުކުރުމުގެ މަސައްކަތް،" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބައެއް މިސްކިތްތަކުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހިމެނުމަށް ކުރަން ޖެހޭ ފަންނީ މަސައްކަތްތައް ކުރުމަށް ހެރިޓޭޖްޑިޕާޓްމެންޓުން ވަނީ ބޭރުގެ ކޮންސަލްޓެންޓެއް ވެސް ގެނެސްފައެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހިމެނުމަށް ރާއްޖޭން މަސައްކަތްކުރަމުން އަންނަ މިސްކިތްތަކުގެ ފޮޓޯތައް ދައްކުވައިދޭ މައުރަޒެއް މިއަދުގެ ރަސްމިއްޔާތުގައި ހުޅުވިއެވެ. އެމައުރަޒު ހުޅުއްވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ، ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއެވެ.
ދުނިޔޭގެ ތަރިކައިގެ ދުވަހަކީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރުން މިފަހަރު ލަސްވީ އަތޮޅުތެރޭގެ ރަށެއްގައި އެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނިކޮށް އެރަށު ކައުންސިލުން އެކަމަށް އެއްބާރުލުން ނުދިނުމުންނެވެ.