ދައުލަތުގެ ބަޖެޓް ފޫބެއްދުމަށްޓަކައި ފައިސާ ޗާޕްކުރުން ހުއްޓުވުމަށް ސަރުކާރަށް އެހީވެދެއްވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. އަޒީމާ ވިދާޅުވީ، ދިވެހި ފައިސާ ޗާޕްކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވާ ކަމަށެވެ. އެގޮތުން އެކަން ހުއްޓުވުމަށް މާކެޓް މެކޭނިޒަމެއްގެ ދަށުން ސަރުކާރަށް އެހީވެދެއްވާނެކަމަށް ވިދާޅުވިއެވެ.

"ބަޖެޓް ފޫބެއްދުމަށް ފައިސާ ޗާޕްކުރުމަކީ ފައިސާގެ އަގު ދަށްވާކަމެެއް، އެކަން ހުއްޓުވުމަށް ގެނައުމަށްޓަކައި ސަރުކާރުގެ ބަޖެޓް ޑެފެސިޓް ފައިނޭންސް ކުރުމަށް މާކެޓް މެކޭނިޒަމެއްގެ ދަށުން ސަރުކާރަށް އެހީވެދޭނަން،" ގަވަރުނަރު ވިދާޅުވިއެވެ.

ޑރ. އަޒީމާ ވިދާޅުވީ، އެމްއެމްއޭ ހަރުދަނާ ކުރެއްވުމަށް މައިގަނޑުގޮތެއްގައި ތިން ކަމަކަށް އިސްކަން ދެއްވާނެ ކަމަށެވެ. އެގޮތުން "މަނިޓަރީ ޕޮލިސީ" އާއި "ފައިނޭންޝަލް ސެކްޓާ" ގެ އިތުރުން "ޕޭމަންޓް ސިސްޓަމް" ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ބޭރުފައިސާގެ ޕެރަރަލް މާކެޓް ނައްތާލުމާއި ބޭރުފައިސާގެ ގަވާއިދު ރާއްޖެއާއި އެކަށިގެންވާގޮތަށް ބަދަލުކުރުމާއި މަނިޓަރީ ޕޮލިސީ ފްރޭމްވޯކް ހަރުދަނާކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ޕްރައިވެޓް ސެކްޓާ ފުޅާ ކުރުމަށާއި ފަހަށް ރައްކާ ކުރުމަށް އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި ޕޭމަންޓް ސިސްޓަމް ހަރުދަނާ ކުރުމަށްޓަކައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު ދަށްކޮށް އިލެކްޓޯނިކް ވަސީލަތްތައް ބެނުންކޮށްގެން ޕޭމަންޓްތައް ހެދުމަށް އިސްކަން ދެއްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެމްއެމްއޭ ހަރުދަނާ ކުރުމަށްޓަކައި އެ އޮފީހުގެ ހަރަދުތައް ކުޑަކޮށް މުވައްޒަފުން ތަމްރީނު ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަ ނިންމަވައިލައްވަމުން ވިދާޅުވީ، "އެމްއެމްއޭގެ ގަވަރުނަރުގެ ކަމުން މީޑިއާގެ ސަމާލުކަން އަޅުގަނޑަށް ލިބުން މުހިންމުކަމަށް އަޅުގަނޑު ނުދެކެން. އަޅުގަނޑު ބޭނުންވަނީ މީޑިއާ މެދުވެރިކޮށް އަޅުގަނޑު ކުރާ ކަންކަން ރައްޔިތުންނަށް އަންގައިދިނުމުގެ ބަދަލުގައި އެކަންކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އިގްތިސާދުގެ ތެރެއިން ލާބަޔާއި މަންފާ ފެނުން" ކަމަށެވެ.