ދިވެހި ދައުލަތުގެ ރަސްމީ ރިޒާވް 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެއެވެ.

ގަވަރުނަރުކަމުގެ މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ ދެއްވި ބަސްތީ ގަތުމުގައި ޑރ. އަޒީމާ ވިދާޅުވީ، މިއަހަރު ރާއްޖޭގެ ރަސްމީ ރިޒާވް 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ ސަބަބަކީ ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެގެން ދިއުން" ޑރ. އަޒީމާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ރަސްމީ ރިޒާވް ހުރީ 368 މިލިއަން ޑޮލަރުގައެވެ.

ގަވަރުނަރު ވިދާޅުވީ، ރިޒާވް އަށް ފައިސާ އިތުރުކުރުމަށް ކުރެވޭނެ އިތުރުކަންތައްތައް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އިތުރު އިންވެސްޓްމެންޓްތައް ގެނައުމަށް ވިސްނަމުންދާ ކަމަށެވެ.

މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 4.5 ޕަސެންޓަށް ކަމަށްވާއިރު މިއަހަރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަށް ހެޔޮވާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ އިންފުލޭޝަން ރޭޓް މިދިޔަ އަހަރާއި އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއެމްއޭގެ އާ ގަވަރުނަރު ވިދާޅުވި އެވެ.