21 Apr 2014, 16:44
ކޮލަންބޯ (އެޕްރީލް 21) : ހުޅަނގުގެ ޤައުމުތަކުގައި ތަމަޅަ ޓައިގަރު ހަނގުރާމަވެރިން މިނިވަންކަމާ އެކު ޙަރަކާތްތެރިވަމުންދާ ކަމަށާ އެމީހުން އަތުލައި ގަތުމަށާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތައް ހޯދުމަށް ބައިނަލްއަޤްވާމީ އެހީ އަށް އެދެން ގަސްދުކުރާކަން ސްރީލަންކާ ސަރުކާރުން ހާމަކޮށްފި އެވެ.
ސްރީލަންކާގެ ޚާރިޖީ ވަޒީރު ޕްރޮފެސަރ އެސްއެލް ޕީރީސް ވިދާޅުވީ ޔޫރަޕާއި ކެނެޑާގައި ތަމަޅަ ޓައިގަރު ހަނގުރާމަވެރިންނާއި ކޮމާންޑަރުންގެ 40 ވަރަކަށް މީހުން ސްރީލަންކާގައި ހަމަޖެހުން ނަގާލައި ހަރުކަށި އަމަލުތައް ހިންގުމަށް އެކިރޭވުންތައް ރާވަމުން ގެންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެމީހުންގެ ހަރަކާތްތައް ސްރީލަންކާ ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާކަމުގަ އެވެ. ހުޅަނގުގެ ގައުމުތަކުގައި ހަރަކާތްތެރިވާ ޓައިގަރުންނަކީ ޓެރަރިސްޓް ސެލްތަކެއް ކަމަށް ސްރީލަންކާގެ މީޑިޔާއިން ވަނީ ސިފަކޮށްފަ އެވެ. މި 40 މީހުން ހޯދުމަށް ފުލުހުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ، އިންޓަޕޯލްއަށް އެންގުމުން އެމީހުން ހޯދުމަށް އެޖަމްޢިއްޔާއިން މިހާރުނޯޓިސްނެރެފައިވީ ނަމަވެސް މިމައްސަލާގައި އދ. ގެ އިތުރުން މި 40 މީހުން ދިރިއުޅޭ ކަމަށް ބެލެވިފައިވާ ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކުގެ އެހީތެރިކަމަށް އެދުމަށް ސްރީލަންކާ ސަރުކާރުން ގަސްދުކޮށްފައިވާ ކަމަށްވެސް ޕީރިސް ވިދާޅުވި އެވެ.
ޕީރިސް އިތުރަށް ވިދާޅުވީ ތަމަޅަ ޓައިގަރުންނަށް ވާގިވެރިވެދޭ ހުޅަނގުގެ 16 ޖަމާއަތެއް ފާހަގަ ކުރެވިފައިވާ ކަމަށާ މީގެ ތެރޭގައި ޔޫރަޕާއި ކެނެޑާއާއި އެމެރިކާގެ ބައެއް ޖަމާއަތްތައް ހިމެނޭކަމުގައެވެ. ޓައިގަރުންނަށް ވާގިދޭކަމަށް ބެލެވޭ ޖަމާއަތްތައް ސްރީލަންކާއިން ކަޅުލިސްޓަށް އަރުވާފައިވާނެ ކަމަށްވެސް ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތަމަޅަ ޓައިގަރުންގެ ހަރުކަށި އަދި ޓެރަރިސްޓް ޢަމަލުތަކަށް ހަމްދަރުދީވާ ގިނައަދަދެއްގެ ތަމަޅައިން ޔޫރަޕާއި ކެނެޑާއާއި އެމެރިކާގައި ދިރިއުޅެއެވެ. މީގެތެރޭގައި ޓައިގަރުން ހިންގަފާނެ ޓެރަރިސްޓް ހަރަކާތްތަކަށް މާލީ އެހީފޯރުކޮށްދެވޭ ފެންވަރުގެ މަހުޖަނުންވެސް ހިމެނޭކަމަށްވެއެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިންމާލުމަށް އެންމެ ފަހުން ހިންގި ޚާއްސަ ޢަސްކަރީ އޮޕަރޭޝަންގައި ގިނައަދަދެއްގެ ތަމަޅަ އާންމުން މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހުޅަނގުގެ ގައުމުތަކާއި ސްރީލަންކާއާ ދެމެދު ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. (ރޮއިޓާސް)