21 Apr 2014, 16:19
ވ. އަންބަރާއިން ބަޔަކު ހައްޔަރު ކުރި މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނަކީ ތަހުގީގު ކުރުމަކާނުލައި ކަމުގެ އަސްލަށް ރުޖޫއަނުވެ، ޖިނާޢީ ކުށްތައްކުރުމަށް ޒުވާނުންނަށް ހިތްވަރުދޭ ގޮތަށް ނެރުނު ބަޔާނެއް ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ވ. އަންބަރާގައި ބަޔަކު މަސްތުވާތަކެއްޗާއި ބަނގުރާ ހިފައިގެންގޮސް، އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެރަށުގައި ފުލުހުން ހިނގާފައިވާ އޮޕަރޭޝަނާ ގުޅޭގޮތުން، ފުލުހުން ބުނީ، ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއެކު އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ސަބަބު އަނގަބަހުން އަންގައި، ޤާނޫނު އަސާސީ އިން އެ ފަރާތްތަކަށް ލިބިދޭ ހައްގުތައް އޮޅުންފިލުވައި ދީފައިވާނެ ކަމަށެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެތެރެއިން ޖިނާޢީ ކުށްތަކުން ޒުވާނުން ދުރުކުރުމަށް ފުލުހުން ހިންގި އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން އެމްޑީޕީގެ ހައްގު ކޮމެޓީން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ރަނގަޅަށް ނުބަލައި ނެރެފައިވާ ބަޔާނެއް ކަމަށެވެ.
އެމްޑީޕީގެ ބަޔާން ރައްދުދީ ފުލުހުން ނެރުބު ބަޔާނުގައި ބުނަނީ ޤާނޫނީ ގޮތުން ފުލުހުންގެ މަސައްކަތް ބަލައި ތަހުޤީޤު ކުރުމުގެ ބާރު ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން މަތިކޮށްފައިވާ ބަޔަކު ތިއްބައި، ތަހުޤީޤު ކުރުމަކާނުލައި އަދި ކަމުގެ އަސްލަށް ރުޖޫޢަނުވެ، ޖިނާޢީ ކުށްތައްކުރުމަށް ޒުވާނުންނަށް ހިތްވަރުދޭ މޭރުމުން، އެމްޑީޕީން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމަށް ޢާއްމުކޮށްފައިވާ އެ ބަޔާނަކީ މިއަދު ދިވެހިން ދެކެމުންމިދާ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް އޮޅޭފަދަ ޢަމަލެއް ކަމުގައި ފުލުހުން ދެކޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކް ކުރުމަށް ނުވަތަ ހިތްވަރު ދިނުމަށް ނުވަތަ ޝައުގުވެރި ކުރުވުމަށް އެއްވެސް ޢަމަލެއް ކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެތަކެތީގެ ވިޔަފާރި ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް ނަސޭހަތްތެރި ވެފަ އެވެ.
ފުލުހުން ބުނީ އަންބަރާގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އިންސާނީ ކަރާމާތަށް އުނިކަން ލިބި، އިންސާނީ ހައްޤުތައް ގެއްލޭފަދަ ޢަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ފުލުހުން ޢަމަލުކޮށްފައި ވާނީ ޤާނޫނު އަސާސީންނާއި ފުލުހުންގެ ޤާނޫނާއި ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ކަމަށެވެ.
ބޮޑު އަގުގައި ޓިކެޓް ވިއްކައިގެން އަންބާރާގައި ގިނަ އަދަދެއްގެ ޒުވާނުނުން ޕާޓީ ކުރަމުންދަނިކޮށް ފުލުހުން އެރަށަށް އަރައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާ އެކު 79 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންގެ ބަންދަށް 10 ދުވަސް ވަނީ ކޯޓުން ޖަހައިދީފަ އެވެ. އަދި އޭގެ ތެރޭ ހިމެނޭ ކުޑަކުއްޖަކު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ފުލުހުން އެރަށަށް އެރިއިރު، އެރަށުގައި 198 ޒުވާނަކު ޕާޓީ ކުރަން ތިއްބެވެ.