27 Dec 2010, 06:19
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ ހޮނިހިރު ދުވަހު މާގާމުން ވަކި ކުރެއްވި ނ. ޅޮހީ ކައުންސިލަރު ހުސްނީ ޔޫސުފް ރަށު އޮފީސް ތަޅުދަނޑި ނުދީ ހިފެހެއްޓުމުން އޮފީހުގެ ތަޅު ބަދަލުކޮށްފައިވާ ކަމަށް ޅޮހީ އޮފީހުން ބުނެފި އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޅޮހީ ރަށު އޮފީހުން ސަން އޮންލައިނަށް މައުލޫމާތުދިން މީހަކު ބުނީ މިދިޔަ އާދީއްތަ ދުވަހު މަގާމުން ވަކިކުރެއްވި އެ ރަށު ކައުންސިލަރު އޮފީހުގެ ތަޅުދަނޑި ހިފަހަށްޓާފައި ވުމުން ތަކުރާރުކޮށް ތަޅުދަނޑި ރަށު އޮފީހާ ހަވާލު ކުރުމަށް އޭނާ އަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޮފީހުގެ ތަޅުދަނޑި ނުދީ ހަމައެކަނި ދީފައި ވަނީ ރަށު އޮފީހުގެ ތިޖޫރީގެ ތަޅުދަނޑި ކަމަށެ އޭނާ ބުންޏެވެ.
އޭނާ ތަޅުދަނޑި ނުދެއްވުމުން އެ މައްސަލަ ނ. އަތޮޅު އޮފީހަށް ވެސް އިއްޔެ ހުށަހެޅި ކަމަށާއި އަތޮޅު އޮފީހުގެ އަމުރަށް ވެސް އޭނާ ކިޔަމަންތެރިވެފައި ނުވާ ކަމަށް ޅޮހީ ރަށު އޮފީހުގެ މުވައްޒަފަކު ބުންޏެވެ.
ކުރީގެ ކައުންސިލަރު ހަސަން ޔޫސުފް ޅޮހީ އޮފީހުގެ ތަޅުދަނޑި ހިފަހަށްޓާފައި ވުމުން އަތޮޅު އޮފީހުގެ އިޒުނަޔާ އެކު ރޭ 10 ޖަހާ އެހާކަންހާއިރު އޮފީހުގެ ތަޅު ބަދަލުކޮށްފައިވާ ކަމަށް ރަށު އޮފީހުން ބުންޏެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލަރުން ނުފޫޒު ފޯރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި ސިޔާސީ ޕާޓީތަކުން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންދަނިކޮށް ރައީސް ނަޝީދު ހުރިހާ ކައުންސިލަރުން މަގާމުން ވަކި ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.