21 Apr 2014, 14:43
ކ. މާފުށީ ޖަލުގެ ގައިދީންތަކެއްގެ މެދުގައި މީގެ ދެމަސް ކުރިން ހިނގި މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބުނު މ. ދޯދިލްގޭ، އިބްރާހީމް އާޒަރު، ހޭނާރާ އޮތުމަށްފަހު މިއަދު މަރުވެއްޖެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ މާފުށީ ޖަލުގައި އެ މާރާމާރީ ހިނގަން މެދުވެރިވީ ގައިދީންތަކެއްގެ މެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.
އާޒަރުގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އޭނާ މަރުވެފައި ވަނީ މިއަދު ރާއްޖެ ގަޑިން 12:15 ހާއިރު އިންޑިއާގެ އާނަންތަ ޕޫރު ހޮސްޕިޓަލުގައި ކަމަށެވެ.
އޭނާ ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާ އަށްފަހު އަޒާރު މާލެގެނައި އިރު އޭނާގެ ކަރުގެ ވަށައިގެން ތޫނު އެއްޗެއް އަޅުވާފައިވާ ކަމުގެ ނިޝާން ހުރިކަމަށެވެ. އަދި ނޭފަތުންނާއި ކަންފަތުން ވަރަށް ގިނައިން ލޭ އައިސްފައިވާ ކަމަށް ވެސް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
އިތުރު ފަރުވާދިނުމަށް އޭނާ އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރު ލަފާދިނުމުންނެވެ. ޑޮކްޓަރު އެގޮތަށް ލަފާދީފައި ވަނީ ނާރުގެ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރަކު ރާއްޖޭގައި ނެތުމުން ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމިފައިވާ ކަމަށާއި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.