21 Apr 2014, 14:15
މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބް ވެލެންސިއާގެ ފަރިތަކުންތައް މިއަދު ހަވީރު ފަށަން އެކުލަބުން ނިންމައިފި އެވެ.
ވެލެންސިއާގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް މިއަދު ސަންއަށް ވިދާޅުވީ، ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުންތައް ފަށަން ނިންމާފައި ވަނީ ސްކޮޑަށް މިވަގުތު ނަގާފައި ތިން 25 ކުޅުންތެރިންގެ ތެރެއިން 15 ވަރަކަށް ކުޅުންތެރިންނާ އެކު، އެފްއޭއެމްގެ ޓާފް ދެ ނަންބަރު ދަޑުގައި މިއަދު ހަވީރު 4:00ގައި ކަމަށެވެ.
"ކުލަބުން މިއަހަރުގެ ސީޒަނަށް ނެރޭނީީ ޒުވާން ކުޅުންތެރިންގެ ސްކޮޑެއް. މިއަދުގެ ފަރިތަކުންތަކުގައި 15 ނުވަތަ 16 ކުޅުންތެރިން ބައިވެރިވާނެ. ސްކޮޑަށް ނަގާފައިވާ ގިނަ ކުޅުންތެރިންނަށް މިއަދު ބައިވެރި ނުވެވެނީ ކުލަބް މޯލްޑިވްސް ކަޕް އެކުޅުންތެރިން ކުޅޭތީވެ." ބައްސާމް ވިދާޅުވި އެވެ.
ވެލެންސިއާ އިން ބުނީ ފަރިތަކުންތައް ފަށާއިރު ހެޑް ކޯޗަކަށް ހަމަޖައްސާފައިވާ މުހައްމަދު ޝާހިދު (ޝާޑު) އާއި އެސްޓެންޓް ކޯޗު އަދި ހެޑް ޓްރޭނާ އަކަށް ހަމަޖައްސާފައިވާ ކުރީގެ ކެޕްޓަން އިސްމާއިލް އާސިފް (ކުޑަހީނާ) އަދި ގޯލް ކީޕަރު ޓްރޭނާއަކަށް މިހަރު ވެސް ހަމަޖައްސާފައިވާ އެކުލަބުގެ ކުރީގެ ގޯލް ބެލެހެއްޓި ހުސައިން ހަބީބު މިއަދުގެ ބައިވެރިވާނެ ކަމަށެވެ.
ކުރިން ވެލެންސިއާ އަށް ކުޅެ އެ ކްލަބުގެ އޮފިޝަލެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ޝާޑު މިއަހަރު ވެލެންސިޔާގެ ހެޑްކޯޗަކަށް ހަމަޖައްސާފައިވާ އިރު، ފާއިތުވި ހަ އަހަރު އޭނާ މަސައްކަތްކުރީ ވީބީގަ އެވެ. އެ ކްލަބުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި ޝާޑު މިދިޔަ އަހަރު ވީބީގެ ހެޑްކޯޗުކަން ވެސް ވަނީކޮށްފަ އެވެ.
ބައްސާމް ވިދާޅުވީ ޒުވާން ކުޅުންތެރިންނާ އެެކު ކުލަބުގެ ފަރިތަކުންތައް ފެށުމަށް މިއަދު ނިންމާފައި ވަނީ މިދިޔަ ސީޒަނުގައި ދިމާވި ފައިސާގެ މައްސަލަތައް ވަރަށް ބޮޑަށް ހައްލުކުރުމަށް ފަހު ކަމަށެވެ. އަދި ކުރިން ވެލެންސިއާ އަށް ކުޅުނު ހަންގޭރީގެ ޑިފެންޑަރު އެލެކްސް ނޯބަޓަށް ދޭން ޖެހޭ ފައިސާ ވެސް މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު މިހާރު ދައްކާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ވެލެންސިއާ އަށް 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ކުޅުނު ނޯބަޓަށް ވެލެންސިއާ އިން ނުދީ ހުރި މުސާރަ އާއި ޖޫރިމަނާ ފައިސާ ދެއްކީ އެ މައްސަލަ ފީފާ އަށް ހުށަހަޅައި އަދި އެ ފައިސާ ވަކި މުއްދަތެއްގެ ތެރޭ ނުދައްކައިފި ނަމަ އެ ކްލަބާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަރަށް ބޮޑަށް ދިނުމުން ނެވެ. އެގޮތުން ނޯބަޓަށް ވެލެންސިޔާއިން ދެއްކި ފައިސާގެ ޖުމްލަ އަދަދަކީ 22،000 ޑޮލަރު (339،240ރ.) އެވެ.
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު މިދިޔަ ސީޒަނަށް ވެލެންސިއާ ކުރިމަތިލި ނަމަވެސް، ސީޒަންގެ ވަކި ހިސާބަކުން ފައިސާގެ މައްސަލަތަކާ ކުރިމަތިވެ ވެލެންސިއާގެ ޓީމާ މެނޭޖްމަންޓު ވެސް ވަނީ މުޅިން ކަހަލަ ގޮތަކަށް ރޫޅިފަ އެވެ.