ބ. ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެން ނުލިބި ފެނަށް ޖެހިފައިވާތާ ގާތްގަނޑަކަށް ދެ މަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުނެފި އެވެ.

އެ ރަށު ކައުންސިލްގެ ނައިބް ރައީސް އަލީ އިސްމާއިލް މިއަދު ވިދާޅުވީ އެ ރަށުގޭގައި ބަހައްޓާފައި ހުންނަ ކަޅު ހަންތަކުން ސާފު ބޯފެން ހުސްވެގެން މިދިޔަ މަހުގެ ކުރީ ކޮޅު އަތޮޅު ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް ފެން ހޯދަން ހުށަހަޅަން ޖެހެނީ ފޯމެއް މެދުވެރިކޮށް ކަމަށްވާތީ ދެވަނަ ފަހަރަށް އެ ފޯމް މެދުވެރިކޮށް ހުށަހެޅިތާ ވެސް ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެރަށު ކައުންސިލް އިދާރާއިން ޑިޒާސްޓާ މެނޭޖްމަންްޓް ސެންޓަރުގައި ފެން ހޯދުމަށް އެދިފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. ކައުންސިލްގެ އިދާރާއިން ބުނީ އެ ފޯމް ހުށަހެޅިއިރު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ހުރި ހަތަރު ހަމުގައި ވެސް ފެން ހުރި ކަމަށެވެ.

"މިރަށުގެ ގޭގެއިން ފެން ހުސްވީމައި އަޅުގަނޑުމެން މި ބަލަނީ ފެން ހުސްވީ ކަމަށް. ކައުންސިލް އިދާރާގައި އިނދޭ ހަތަރު ކަޅުހަން. ނަމަމަވެސް އެ ހަންތަކުން ވެސް މިހާރު ވަނީ ފެން ހުސްވެފައި،" އޭނާ ވިދާޅުވި އެވެ.'

ކަމަދޫގައި ސާފު ބޯފެނުގެ ދަތިކަން ކުރިމަތިވެގެން އެ ރަށުގެ މީހުން މިހާރު ބޯފެން ހޯދަނީ މިނަރަލް ވޯޓާ ގަނެގެންނާއި ކައިރީގައި އޮންނަ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުން އެ މީހުންގެ ގޭގެއަށް ޕްލާންޓް ފެން ގެނެސްގެން ކަމަށް ވެސް އަލީ އިސްމާއިލް ވިދާޅުވި އެވެ.

"ކަމަދޫގައި ބިދޭސީންނާ އެކު ހާހެއްހާ މީހުން އެބައުޅޭ. އެހެންވެ މަދު ގޭގެއަކަށް ގެންނަ ޕްލާންޓް ފެނުންނާއި މިނަރަލް ވޯޓާއިން ނުފުދޭ. އެންމެންނަކަށް އެއީ ކުރެވޭނެ ކަމެއް ވެސް ނޫން. އަނެއް ކޮޅުން މިދޭތެރެއިން އުޅުން ރަށު މިނަރަލް ވޯޓާ ވެސް ހުސްވެގެން،" އަލީ އިސްމާއިލް ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފައިވަނީ މިދިޔަ އަހަރުން ފެށިގެން ފެން ހޯދުމަށް 79 ރަށަކުން އެދިފައިވާއިރު އޭގެތެރެއިން 56 ރަށަކަށް ފެން ފޮރުކޮށްދީފައިވާ ކަމަށެވެ. އަދި 10 ރަށަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ސެންޓަރުން ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން އެންމެ ފަހުން ފެން ފޯރުކޮށްދީފައިވާ ރަށްތަކަކީ މ. ވޭވަށާއި ބ .ކެންދުއާއި ބ. ކުޑަރިކިލާއި ބ. ފުޅަދުއާއި އދ. ކުނބުރުދުއާއި ރ. ރަސްގެތީމާއި ރ. އުނގޫފާރާއި ރ. މާކުރަތު އަދި މ. ނާލާފުށްޓެވެ.