ރާއްޖެއަށް އިންޕޯޓް ކުރާ ބާވަތްތަކުގެ ތެރެއިން 21 ބާވަތަކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ޑިއުޓީގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޑިއުޓީ ބޮޑު ކުރާ ބަތްވަތްތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އަންނައުނާއި ފޭރާމުގެ ބާވަތްތަކެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމެޓީ ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިންޕޯޓް ޑިއުޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން މިއަދު ފާސް ކުރީ ވޯޓުގައި ބައިވެރިވި 53 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލް ފާސް ކުރުމާ ދެކޮޅަށް މެމްބަރުން 19 މެމްބަރުން ވޯޓު ދެއްވި އެވެ.

ޑިއުޓީ ބޮޑު ކުރަން ބިލުގައި ހިމަނާފައިވާ ބާވަތްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިއުޓީ ކުޑަކޮށް، އަދި ޑިއުޓީ ނެގުން ހުއްޓާލި ބާވަތްތަކެވެ. މީގެ ދެ އަހަރު ކުރިން 2011 ވަނަ އަހަރު ބައެއް ބާވަތްތަކުގެ ޑިއުޓީ ކުޑަ ކުރީ އެކްސްޕޯޓް އިންޕޯޓް ޑިއުޓީގެ ބިލަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި އިސްލާހަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުންނެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހުށަހެޅުއްވައި މިއަދު ފާސްކުރި ބިލުގައިވާ ގޮތުން ރާއްޖެއަށް އެތެރެ ކުރާ ބާވަތްތަކުގެ ތެރެއިން ޑިއުޓީ ނެގުން ހުއްޓާލި ދަގަނޑާއި އެކަތަ އާއި ތައްޔާރީ ހެދުމާއި ހެދުން އެޅުމުގައި ބޭނުން ކުރާ ތަކެތިން ޑިއުޓީ އަލުން ނަގާނެ އެވެ. އަދި ދޫލަ އާއި ތަޅުންގަނޑުގައި އެޅުމަށް ހަދާފައި ހުންނަ އެހެނިހެން ތަކެތިން ޑިއުޓީ ނަގަން ފަށައި، އެ ތަތަކެތީގެ ޑިއުޓީ 15 ޕަސެންޓަށް ބޮޑުވާނެ އެވެ. ދަގަނޑާއި އެކަތައިން ފަސް ޕަސެންޓް ޑިއުޓީ ނަގަން ބިލުގައި ހިމަނާފައިވާއިރު، ތައްޔާރީ ހެދުމާއި ހެދުން އެޅުމުގައި ބޭނުން ކުރާ ތަކެތިން 15 ޕަސެންޓް ޑިއުޓީ ނަގަން ބިލުގައި ހިމަނާފައިވެ އެވެ.

އުޅިން ހަދާފައި ހުންނަ ފަށާއި ވަލާއި ކެނބާއި އެފަދަ އެއްޗެހިން ހަދާފައި ހުންނަ ތަކެއްޗާއި ކަފާއި އުއިން ތައްޔާރުކޮށްފައި ހުންނަ ބަރަންޏާއި ރޮއްޖާއި ފޮތިން ވެސް 15 ޕަސެންޓް ޑިއުޓީ ނަގަން ފަށާނެ ކަމަށް ބިލުގައިވެ އެވެ.

އިންޕޯޓް ޑިއުޓީގެ ބިލަށް ސަރުކާރުން ހުށަހެޅި ބިލުގައި ޖަނަވާރަށް ކާންދިނުމަށް ހަދާފައި ހުންނަ ތަކެތީގެ ޑިއުޓީ 25 ޕަސެންޓަށް ބޮޑުކޮށް، މެޓަ އާއި ޗުއިންގަމުން 5 ޕަސެންޓް ޑިއުޓީ ބޮޑުކުރަން ބިލުގައިވެ އެވެ. އަދި ބަނގުރާ އެކުލެވޭ ހަކުރުގެ ބާވަތްތަކުން 50 ޕަސެންޓް ޑިއުޓީ ނަގަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.