21 Apr 2014, 13:39
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ދިރިއުޅުއްވަނީ ދައުލަތުން ފޯރުކޮށްދީފައިވާ ރަސްމީ ގެކޮޅު ފިޔަވައި އެހެންތަނެއްގައި ކަމުގައިވާ ނަމަ އެތަނަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބިލް މަޖިލީހުން ފާސްކުރުމަށް ފެންނަ ކަމަށް ވޯޓް ދެއްވީ 35 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ 15 މެންބަރުންނެވެ.
ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އެ ބިލް މަޖިލީހުން ބަލައިގެންފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. އެ ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ 30 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓް ދެއްވި އިރު ވަކިކޮޅަކަށް ވޯޓް ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.
ރިޔާޒް ރަޝީދު ހުށަހެޅުއްވި ބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނަށް ހަތަރު އިސްލާހެއް ގެނައުމަށެވެ.
އެ ގާނޫގައި މިހާރު ބުނެފައިވާ ގޮތުން ދައުލަތުން ހަރަދު ކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށް ދައުލަތުން ހަމަޖައްސައިދީފައިވާ ރަސްމީ ގެކޮޅަށެވެ. އަދި ނައިބު ރައީސަށް ވެސް ދައުލަތުން ހަރަދު ކުރަން ޖެހޭނީ އެ މަނިކުފާނަށް ދައުލަތުން ހަމަޖައްސައިދީފައިވާ ރަސްމީ ގެކޮޅަށް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ރިޔާޒު ވިދާޅުވެފައި ވަނީ ރައީސާއި އެމަނިކުފާނުގެ އާއިލާ އަދި ނައިބު ރައީސާއި އެމަނިކުފާނުގެ އާއިލާ ދައުލަތުން ހަމަޖައްސާފައިވާ ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވާ ހާލަތެއްގައި އެބޭފުޅުން ދިރިއުޅުއްވާ ތަނަކަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ މުވައްޒަފުންނާއި އެނޫން ވެސް ހަރަދުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.
ރައީސްގެ އަމިއްލަ ގެކޮޅަށް ހަރަދު ކުރަން ޖެހޭނީ ދައުލަތުގެ ބަޖެޓުން ރައީސްގެ ރަސްމީ ގެކޮޅަށް ކަނޑައަޅާފައިވާ ބެޖެޓުން ކަމަށް ރިޔާޒުގެ ބިލުގައިވެ އެވެ. އަދި ރައީސް ދިރިއުޅުއްވާ ތަނަށް އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ހަރަދު ފިޔަވައި އިތުރު އެއްވެސް ކެޕިޓަލް ހަރަދެއްކޮށްގެން ނުވާނެ ކަމަށް ބިލުގައިބުނެ އެވެ.
ރައީސް ޔާމިން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނު ނިންމަވާފައި ވަނީ ދައުލަތަށް ހަރަދު ކުޑަކުރުމުގެ ގޮތުން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ. ދޫވެހީގައި ދިރިއުޅުއްވުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ މުސާރައިން އެމަނިކުފާނު ނަންގަވަނީ ދެބައި ކުޅަ އެއްބަޔަށްވާ 50،000ރ. އެވެ.