މިދިޔަ އަހަރު ދިވެހިން ކުރި ބިދޭސީ ކައިވެނި 36 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ފެމެލީ ކޯޓުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2012 ވަނަ އަަހަރު ދިވެހިން ވަނީ 101 ބިދޭސީ ކައިވެނިކޮށްފަ އެވެ. އަދި މިދިޔަ އަހަރު ވަނީ އެ އަދަދު 36 ޕަސެންޓަށް އިތުރުވެ، 137 ބިދޭސީ ކައިވެނިކޮށްފަ އެވެ.

މިދިޔަ އަހަރު ދިވެހިން ބިދޭސީނާ ކުރި ކައިވެނި އިތުރުވި އިރު، އެފަދަ ކައިވެނީގެ ވަރީގެ ނިސްބަތް 31 ޕަސެންޓަށް ވަނީ ދައްވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު 35 ވަރިކޮށްފަފައިވާ އިރު، މިދިޔަ އަހަރު ދިވެހި-ބިދޭސީ ވަރި ވަނީ 24 އަށް ދަށްވެފަ އެވެ.

ފެމެލީ ކޯޓުން "ސަން"އަށް ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދިވެހިންގެ ތެރެއިން އެންމެ ގިނައިން ބިދޭސީންނާ ކައިވެނި ކުރަނީ ދިވެހި ފިރިހެނުންނެވެ. އެގޮތުން މިދިޔަ އަހަރު ދިވެހި ފިރިހެނުން ވަނީ ބިދޭސީ 76 ކައިވެނިކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު އެ އަދަދު އުޅެނީ 71 ގަ އެވެ.

ދިވެހި ފިރިހެނުން އެންމެ ގިނައިން ކައިވެނިކޮށްފައި ވަނީ ރާއްޖެ އިން ބޭރުގަ އެވެ. މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި ކުރި 54 ކައިވެނި ރަޖިސްޓްރީ ކުރުމަށް ފެމެލީ ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. ރާއްޖޭގައި ދިވެހި ފިިރިހެނުންކޮށްފައި ވަނީ އެންމެ 22 ކައިވެންޏެވެ.