21 Apr 2014, 12:42
ހަތަރު މީހަކު ވެގެން 15 އަހަރު އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި އިއްޔެގެ ވަގުތެއްގައި ހަތަރު ފިރިހެނަކު ވެގެން 15 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރެއިން އެކެއްގެ އުމުރަކީ 21 އަހަރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ނުދެއްވަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އަމަލު ހިންގާފައި ވަނީ ހުޅުމާލޭގައި ހުންނަ ދުވަހު ކުއްޔަށް ކޮޓަރިދޭ ތަނަކަށް އެ އަންހެން ކުއްޖާ ގެންދިއުމަށް ފަހުގަ އެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި ހުޅުމާލޭގައި ބިދޭސީއަކު ވަނީ ހިނގާފައި ދިޔަ އަންހެން ކުއްޖަކު ގަދަކަމުން ގަސްތަކުގެ ތެރެއަށް ގެންގޮސް ބަނުމަށް ފަހު ޖިންސީ ގޯނާކޮށްފަ އެވެ.