ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހަސަން އަފީފާއި އެޑިއުކޭޝަން މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޝިފާ މުހައްމަދާއި އެޓާނީޖެނެރަލް ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. އަހްމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންއޮތްތޯ ބެލުމަށް ޓަކައި އެ ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރު ޒިންމާދާރު ކުރުވާ ކޮމިޓީއަށް ފޮނުވައިފި އެވެ.


 އެ ތިން ބޭފުޅުންނަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިއްވުމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، އެ ނަންފުޅުތައް ދިރާސާ ކުރުމަށް ސަރުކާރު ޒިންމާދާރު ކުރުވާ ކޮމިޓީއަށް ފޮނުއްވުނީ ކަމަށެވެ.


އެ ތިން ބޭފުޅުންގެ ނަންފުޅު ދިރާސާ ކުރުމަށް ފޮނުއްވި އިރު، ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފައިވާ އާދިލު ސަލީމާއި ޑރ. މަރިޔަމް ޒުލްފާގެ ނަންފުޅު ވެސް ދިރާސާ ކުރުމަށް އެ ކޮމިޓީ އަށް ހުސްވި ނޮވެމްބަރު މަހުގެ 24ގައި ވަނީ ފޮނުވައިފަ އެވެ.


މި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން ކެބިނެޓްގައި ކުރިން ހިމެނިވަޑައިގެންނެވި، ހަތް ވަޒީރަކު މަގާމުން ވަކިވުމަށް މަޖުބޫރުވެވަޑައިގެން އެ ބޭފުޅުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ނަޝީދު ކެބިނެޓަށް ގެންނެވި ބޭފުޅުންނެވެ. މީގެ ތެރެއިން އެޓާނީޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޑރ. ސަވާދަކީ، ކުރިން ވެސް އެ މަގާމަށް އައްޔަން ކުރެއްވި ނަމަވެސް މަޖިލީހުގެ ރުހުން ލިބިވަޑައި ނުގެންނެވުމުގެ ސަބަބުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.


ޑރ. ސަވާދަށް ރައްޔިތުންގެ މަޖިލީހުން  ތާއީދު ކުރެއްވީ ފަސް މެންބަރުންނެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2011 ވަނަ އަހަރުގެ ބަޖެޓް، ކޮމިޓީން ދިރާސާ ކުރި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައި މިހާރު ކުރިއަށް ދަނީ ބަޖެޓަށް މެންބަރުން ގެންނަން ޖެހޭ އިސްލާހް ހުށަހެޅުއްވުމުގެ މަސައްކަތެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، ބަޖެޓަށް އިސްލާހް ހުށަހެޅައިނިމި ބަޖެޓް ބަހުސް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މިރެއާ އެކު ކުރިއަށް ގެންދަވާނެ ކަމަށެވެ.